22 Oct 2015, 00:03
މާދަމާ ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިހާބު މާދަމާ ރެއަށް ފަސްކޮށްފި އެވެ.
އެފްއޭއެމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ އެސޯސިއޭޝަންގެ އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖެ ވަޑައިގެންނެވި ފީފާ އާއި އޭއެފްސީގެ އޮފިޝަލުން ސަރުކާރާއެކު ކުރި މަޝްވަރާތައް ނާކާމިޔާބުވެފައިވާ ކަމަށެވެ.
ނަމަވެސް ސަރުކާރާއެކު އިތުރަށް މަޝްވަރާ ކުރުމަށްޓަކައި މާދަމާ ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު މާދަމާ ރެއަށް ފަސްކޮށްފައިވާ ކަމަށް އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"ފީފާ އަދި އޭއެފްސީ ބޭފުޅުން މިއަދު ވަނީ މިނިސްޓަރު އޮފް ޔޫތު އެންޑް ސަޕޯޓްސް އަހުމަދު ޒުހޫރު އަދި މިނިސްޓަރު އޮފް ހޯމް އެފެއާޒް އުމަރު ނަސީރާ ބައްދަލުކޮށް، ކުރެވުނު މަޝްވަރާތައް ވާނީ ނާކާމިޔާބުވެފަ އެވެ." އެފްއޭއެމުން މިރޭ ދަންވަރު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ޖަމިއްޔާތަކާ ބެހޭ ރަޖިސްޓްރާ ޔޫސުފް އަބްދުލް ޣަފޫރާ ބައްދަލު ކުރުމަށް މަސައްކަތްކޮށް، ވަނީ ނާކާމިޔާބުވެފަ އެވެ. އަދި މާދަމާގެ ވަގުތެއްގައި ފީފާ އާއި އޭއެފްސީގެ ބޭފުޅުން ރަޖިސްޓްރާއާ ބައްދަލު ކުރައްވާނެ ކަމަށް އުންމީދު ކުރަމެވެ."
ސަރުކާރުން އެއްބާރުލުން ނުދިނުމުން، ފީފާ އާއި އޭއެފްސީގެ އޮފިޝަލުން ނިންމާފައި ވަނީ މާދަމާ ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް މާދަމާ ރޭ 8:00 އަށް ފަސް ކުރުމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެފްއޭއެމްގެ އިންތިހާބު ބާއްވާ ކޮންގްރެސް ނުބޭއްވިއްޖެނަމަ ރާއްޖެއާމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައި ފީފާ އާއި އޭއެފްސީން ބުނެފައިވާ ކަމަށެވެ.
އެފްއޭއެމްގެ އިންތީޚާބު މާދަމާ ރެއަށް ފަސްކޮށްފައި މިވަނީ ޔޫތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އިން އިންތީޚާބު ފަސް ކުރުމަށް އެފްއޭއެމްއަށް ހޫށަހަޅާފައި ވަނިކޮށެވެ.
އަދި އެފްއޭއެމްގެ އިންތީޚާބު ކުރުނބާ ވިލެޖުގައި ބާއްވަން ތާވަލްކޮށްފައި ވަނިކޮށް ހޯމް މިނިސްޓްރީ އިން ވަނީ އެފްއޭއެމްގެ އިންތީޚާބު ކުރިއަށް ނުގެންދިއުމަށް އެރިސޯޓަށް އަންގައިފަ އެވެ.
ހޯމް މިނިސްޓްރީން އެފްއޭއެމްގެ އިންތިޚާބު ފަސް ކުރުމަށް ހުށަހަޅާފައިވާ އިރު އޭއެފްސީ އިން ބުނެފައި ވަނީ އެފްއޭއެމްއަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއާއި އޭއެފްސީގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ އެސޯސިއޭޝަނެއް ކަމަށާއި އެފްއޭއެމް އަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވުމަކީ އޭއެފްސީ އިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.