22 Oct 2015, 12:22
ޏ. ފުވައްމުލަކު ދިގުވާޑު އަވަށުގައި ހުންނަ ޕްރީސްކޫލް، "ފައުންޑޭޝަން ޕްރީސްކޫލަށް" ރޭ ބަޔަކު ވަދެ ވަރަށް ބޮޑެތި ގެއްލުންދީފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
އެ ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ވަހީދު މިއަދު ސަން އަށް ވިދާޅުވީ ސްކޫލުގެ ދެ ކްލާސްރޫމަކަށް ބަޔަކު ވަދެ އެ ކްލާސްރޫމްތެރޭގައި ހުރި ހުރިހާ އެއްޗެއް ހަލާކުކޮށްލާފައިވާ އިރު ފާހާނާތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށެވެ. ބަޔަކު ވަދެ ކްލާސްރޫމްތައް ހަލާކުކޮށްލާފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރޭގެ 11 އަށް ފަހުން އެވީ ކަމެއް ވެފައި ވަނީ. ސްކޫލުގެ ދެ ކްލާސްރޫމް ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ހަލާކު ކޮށްލާފައި. ގޮނޑިތަކާއި މޭޒުތައް އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުކޮށްލާފައިވާ އިރު އެހެން މުދާތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައި. އަދި ސްކޫލުގެ ފާހާނާތަކަށް ވެސް ވަނީ ގެއްލުންތަކެއް ދީފައި. ސްކޫލުގެ ފާހާނާ ބަރީގައި ހުންނާނީ ތިން ފާހާނާ،" ވަހީދު ވިދާޅުވި އެވެ.

"ފައުންޑޭޝަން ޕްރީސްކޫލަށް" ރޭ ބަޔަކު ވަދެ ގޮނޑިތައް ހަލާކުކޮށްލާފައި --
އޭނާ ވިދާޅުވި ގޮތުގައި ސްކޫލުގެ ފާހާނާތަކަށް ވަނީ ކުލައާއި އެހެން ތަކެތި އަޅައި ހޮޅިތައް ބަންދުކޮށްލައިފަ އެވެ. އެހެން ކަމުން މަރާމާތު ނުކުރެވޭ ފަދަ ގެއްލުމެއް ލިބިއްޖެ ކަމުގައިވާ ނަމަ އެ ގެއްލުންވި އަދަދު 40،000 ރުފިޔާ އާ ކައިރި ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްކޫލުގައި ތިން ކްލާސްރޫމް ހުންނަ އިރު ދެ ކްލާސްރޫމަށް ގެއްލުންތަކެއް ދީފައި ހުރި ކަން އެނގިފައި ވަނީ މިއަދު ހެނދުނު މަސައްކަތު މީހާ ސްކޫލަށް ދިޔަ އިރު ކަމަށް ވަހީދު ވިދާޅުވި އެވެ.
"މިއަދު މަސައްކަތު މީހާ ސްކޫލު ހުޅުވައި ކަންތައް ކުރުމަށް ދިޔަ އިރަށް އެނގުނީ ސްކޫލަށް ގެއްލުންތަކެއް ދީފައިވާ ކަމަށް. އޭރު ގަޑިން ވަނީ 06:30 ވަރު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްކޫލަށް އެފަދަ ގެއްލުންތައް ކުރިން ވެސް މަދުމަދުން ކުރާ ކަމަށާއި އެކަމަކީ ދަރިވަރުން ސްކޫލުގައި ކިޔެވުމަށް ހުރަސްއެޅުމަށް ބަޔަކު ކުރާ ކަމެއް ކަމަށެވެ.