ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމަށް ރައްކާތެރިކަން ދިނުމުގައި ކަރެކްޝަނަލް ސާވިސްއިން އިހުމާލުވެފައިވާ ކަމަށާއި އެބޭފުޅުންނަށް ދޭންޖެހޭ ސިއްހީ ފަރުވާ އެންމެ އެދެވިގެންވާ ގޮތުގައި ލިބެމުން ނުދާ ކަމަށް މެމްބަރު ނާޒިމާއި ކާނަލް ނާޒިމުގެ ގާނޫނީ ވަކީލުން މިއަދު ބުނެފި އެވެ.

ސުއޫދު ލޯ ފާމުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފަރީޝާ އަބްދުﷲ ވިދާޅުވީ، މެމްބަރު ނާޒިމުގެ ބަލި ހާލަތާއި މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ޑޮކްޓަރުން ދެއްވާ ލަފާއާ އެއްގޮތަށް ކަރެކްޝަނުން އަމަލު ކުރަމުން ނުދާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް ފަރީޝާ ވިދާޅުވި އެވެ.

"ހަގީގަތުގައި އެމަނިކުފާނުގެ [މެމްބަރު ނާޒިމު] ޑައިބެޓިކު މައްސަލައާ ގުޅިގެން އެކިއެކި މައްސަލަތައް އެބަ ނުކުމޭ. އެންމެ ފަހުން ނާޒިމު ޑޮކްޓަރަށް ދައްކަވާފައި ވަނީ 12 ސެޕްޓެމްބަރުގައި. އޭރު ޑޮކްޓަރަށް ދެއްކީ އަތުގެ ބޮޑުވައި އިނގިލި ދުޅަވެގެން އެތައް ދުވަހެއް ވެގެން އެތަން މުޅިން އިންފެކްޝަނަކަށް ވެގެން ވަރަށް ކަންތައް ބޮޑުވެފައި ހުއްޓާ ޑޮކްޓަރަށް ދެއްކީ. ދެން ޑޮކްޓަރުން ލަފާ ދެއްވީ ފިޒިއޮތެރަޕީ ހައްދަވާފައި އަދި 10 ދުވަސް ފަހުން ޑޮކްޓަރަށް ދައްކަން. މިއިން އެއްވެސް ކަމެއް އަދި އޭގެފަހަކުން ކަރެކްޝަނަލް ސާވިސް އަކުން ހަމަޖައްސާފައެއް ނުވޭ،" ފަރީޝާ ވިދާޅުވި އެވެ.

ފަރީޝާ ވިދާޅުވީ، އެކަމުގެ އިތުރުން މެމްބަރު ނާޒިމުގެ ބުރަކަށީގެ ރިހުމެއް ހުރުމުގެ ސަބަބުން ޑޮކްޓަރަށް ދެއްކެވުމުން ދިން ބޭސް ހުސްވެ އިތުރަށް ޑޮކްޓަރުގެ ލަފާ ހޯދައިގެން އެކަމުގައި ކުރިއަށް ދިއުމަށް ކަރެކްޝަނުން މަސައްކަތް ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ އޭގެފަހުން ކޮންމެ ދުވަހަކު ކަރެކްޝަނުން "ޕެއިން ކިލާއެއް" (ތަދު ކަނޑުވާ ބޭސް) މެމްބަރު ނާޒިމަށް ދެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ތަދު ފިލުވާ ބޭހަކީ އެ ބޭހުގެ ސަބަބުން ރިހުން ކަނޑުވާލި ނަމަވެސް އޭގެ ނޭދެވޭ އަސަރު ކުރާ ބޭހެއް ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ބަންޑާރަ ނައިބު އަދި ކާނަލް ނާޒިމުގެ ގާނޫނީ ވަކީލު ހުސްނު ސުއޫދު ވިދާޅުވީ، ކަރެކްޝަނުން ދޭތެރެ ދޭތެރެއިން ޑޮކްޓަރަށް ދެއްކި ނަމަވެސް ޑޮކްޓަރުން "ފޮލޯއަޕު" ހެދުމަށް އަންގަވާ ތާރީހުތަކުގައި ޑޮކްޓަރަށް ދައްކައި ނުދޭ ކަމަށެވެ. ޑޮކްޓަރުން ހަދަން އަންގާ ޓެސްޓުތައް ހަދައި ދިނުމާއި ޑޮކްޓަރުން ރިފާ ކުރާ އެހެން ޑޮކްޓަރުންނަށް ދައްކައި ނުދޭ ކަމަށް ވެސް ސުއޫދުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

"ޖަލުތަކާއި ޕެރޯލުގެ ގާނޫނު ބުނާ ގޮތުން ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީންގެ ބަލަދު ވެރިއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް. އެހެންކަމުން މުހައްމަދު ނާޒިމަށް ފުރިހަމަ ސިއްހީ ހިދުމަތް އެ ލިބިދޭންޖެހޭ ވަގުތު ލިބިދިނުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޒިންމާ އެއް. ކާނަލް ނާޒިމު ވިދާޅުވާ ގޮތުގައި އޭނާ ހައްޔަރު ކޮށްފައިވާ އައްސޭރިޖަލުގެ މެނޭޖުމަންޓުގެ ފަރާތުން އޭނާ ޑޮކްޓަރަށް ދައްކައިދިނުމަށް ތަކުރާރުކޮށް މާލޭގެ ހެޑު އޮފީހުގައި އެދެމުންދޭ. އެހެންކަމުން ކާނަލް ނާޒިމަށް ސިއްހީ ފަރުވާ ލިބިދިނުމަށް ހުރަސް އަޅާ ފަރާތަކީ ސީދާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެންމެ އިސްވެރިޔާ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، ނާޒިމު ބަންދުކޮށްފައި ވަނީ ދައުލަތުން ކަމުން ނާޒިމަށް ފަރުވާ ލިބިދިނުމުގެ ގާބިލުކަން ދައުލަތުގައި ހުންނަންވާނެ ކަމަށެވެ.

ކާނަލް ނާޒިމްގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ. ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.