23 Oct 2015, 20:49
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ރަބަރު ޕެކެޓްތަކެއް ބޮކްސާ ތެރެއަށްލައި ފޮރުވައިގެން އުޅުނު 21 އަހަރުގެ ޒުވާން ފިރިހެނަކު މިއަދު ހުކުރު ވަގުތު މާލޭ މަގެއްގެ މަތިން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަންއަށް ވިދާޅުވީ، މިއަދު މެންދުރު 12:35 ކަންހާރު އެ މީހާ ހައްޔަރުކޮށްފައި ވަނީ، މާލެތެރޭ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް އެމީހާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން ޗާނދަނީ މަގު ޖަލާލުއްދީން މިސްކިތް ކައިރިން ކަމަށެވެ.
ފުލުހުން އޭނާގެ ހަށިގަނޑު ބަލައިފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖުމުލަ 43 ރަބަރު ޕެކެޓް އަތުލާފައި ވާއިރު، އޭގެ ތެރެއިން 41 ޕެކެޓް ފޮރުވާފައި ވަނީ އޭނާ ލައިގެން ހުރި ބޮކްސާ ތެރޭގައި ކަމަށާއި އަނެއް ދެ ޕެކެޓް ރައްކާކޮށްފައި ވަނީ އޭނާ ލައިގެން ހުރި ޖިންސުގެ ކުރިމަތީ ޖީބުގައި ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ، ހައްޔަރުކުރެވުނު މީހާގެ އަތުން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ހުސް ރަބަރު ޕެކެޓްތަކަކާއި ކިރުމަށް ބޭނުންކުރާ ކުޑަ ކައްޓާއެއް ވެސް ފެނިފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ތަހްގީގު ކުރަމުން ދާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.