ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު މަގާމުން ވަކިކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ މިރޭ ސަން އަށް ވިދާޅުވީ ސީޕީގެ މަގާމުގައި ހުންނެވި ހުސައިން ވަހީދަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވާފައިވާ ކަމަށެވެ. އަދި ކޮމިޝަނާ އޮފް ޕޮލިސްގެ މަސްއޫލިއްޔަތުތައް ޕޮލިސް އިންޓެލިޖެންސްގެ ވެރިޔާ އަހުމަދު އަރީފާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.

މަގާމުތަކަށް ގެނައި ބަދަލު:

  • ހުސައިން ވަހީދަށް ސްޓޭޓް މިނިސްޓަރުކަން ވަނީ ދީފައި
  • ފުލުސް އޮފީސް ހިންގުން ހަވާލު ކުރީ ޑީސީޕީ އަރީފަށް
  • ޑީސީޕީ ހަބީބު ވަނީ ހައުސިން މިނިސްޓަރުގެ ނައިބުކަަން ދީފައި
  • ޑީސީޕީ ސާދިގު ވަނީ ޖެންޑާ މިނިސްޓަރުގެ ނައިބުކަށް ބަދަލުކޮށްފައި

ސީޕީގެ މަސްއޫލިއްޔަތުތައް އަރީފާ ހަވާލު ކުރެއްވީ އެސިސްޓެންޓް ކޮމިޝަނާގެ މަގާމުން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ޕްރޮމޯޓްކުރެއްވުމަށްފަހުގަ އެވެ.

މުއާޒު ވިދާޅުވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ސާދިގަށް ޖެންޑާ މިނިސްޓަރުގެ ނައިބުގެ މަގާމު ދެއްވާފައިވާ ކަމަށެވެ. އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހަސަން ހަބީބު ހައުންސިން މިނިސްޓަރުގެ ނައިބުގެ މަގާމަށް ބަދަލު ކުރައްވާފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

ހުސައިން ވަހީދު ސީޕީގެ މަގާމުން ވަކިކުރައްވާފައި ވަނީ ޗުއްޓީއެއް ނަންގަވައިގެން ކުއްލި ގޮތަކަށް ސިންގަޕޫރަށް ފުރައިވަޑައިގެންފައި ވަނިކޮށެވެ.

ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ކަމަށް ތުހުމަތު ކުރެވޭ ހުސައިން ވަހީދަކީ ފުލުހުންގެ ހިދުމަތުގައި 24 އަހަރު ހޭދަ ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެފްބީއައި އިން ތަމްރީނު ހޯއްދަވައި، ގްރެޖުއޭޓްވެފަ އެވެ.

ސްކޮޓިޝް ޕޮލިސް ކޮލެޖުން ޕޮލިސް ލީޑާޝިޕުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހުސައިން ސީޕީގެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު 19، 2013 ގަ އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ހުސައިން ވަހީދު ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގަ އެވެ. ނަޝީދުގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ފުލުހުންގެ ވަޒީފާ އިން ވަކިވާން އޭނާ އަށް އެންގި އެވެ. އެކަމަކު އޭނާ ވަޒީފާ އިން ވަކިވެ ވަޑައިނުގަންނަވަ އެވެ.

ރައީސް ވަހީދުގެ ސަރުކާރުގައި ހުސައިން ވަހީދު ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގަ އެވެ.