24 Oct 2015, 15:44
ރައީސުލްޖުމްހޫރިއްޔާގެ މަގާމު ބޭނުންވީ ކާކުކަން މިއަދު އެނގިއްޖެ ކަމަށް ވިދާޅުވެ، ނައިބު ރައީސް އަޙުމަދު އަދީބަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ގައުމަށް ޣައްދާރުވުމުގެ ކުށުގެ ތުހުމަތަށް ފުލުހުން މިއަދު އަދީބު ހައްޔަރުކުރިތާ ގިނަ އިރެއް ނުވެ، ޖަމީލު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ ޖަމީލުގެ ކުށެއް ނެތްކަން މިއަދު ސާބިތު ވެއްޖެ ކަމަށެވެ.
ޖަމީލު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާ އަށް އަނިޔާ ދިނީ އަދީބު އިސްވެ ހުންނަވައިގެން ކަމަށެވެ.
"...އެއްވެސް ހަގީގަތެއް ނެތި އަޅުގަނޑަށް ދިން އަނިޔާއަކީ އަދީބު އިސްވެ ހުރެ، ރައްޔިތުންނަށް ދިން އަނިޔާއެއް. މިއަދު އެންމެ ކަރުނަ ތިއްކެއް ވެސް ފައިބާނެ ކަމެއް ނެތް،" އަދީބު ހައްޔަރުކުރުމާ ގުޅިގެން ޖަމީލު ކުރެއްވި ފުރަތަމަ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.
ނައިބު ރައީސް ކަމުގެ މަގާމުން ޑރ. މުޙައްމަދު ޖަމީލު ވަކިކުރަން އުޅުނު އިރު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ތުހުމަތުކޮށްފައި ވަނީ ރައީސްކަމުގެ މަގާމު ބޭނުންވެގެން ޑރ. ޖަމީލު އުޅުއްވި ކަމަށެވެ. އަދި އެކަމުގައި އިދިކޮޅު ފަރާތްތަކާ އެކު ޖަމީލު މުއާމަލާތްތަކެއް ކުރައްވާފައިވާ ކަމަށް ވެސް އޭރު ތުހުމަތު ކުރި އެވެ.