ހޮޅުއަށިތަކުން ފެށިގެން ގޭގޭ ސިޓިން ރޫމްތަކުގައިވެސް އެވާހަކައެވެ. ކޮފީމޭޒުތަކުގައި ބަހުސް ކުރެވެނީ އެމައުލޫއަށެވެ. ދެ މީހަކު ދިމާވެއްޖެ ނަމަ އެންމެ ފުރަތަމަ ވާހަކައަކަށް އޮންނަނީ އެވާހަކަ އެވެ. އެވާހަކައަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި ބާރުގަދަ ގޮވުމެއްގޮވި ހާދިސާގެ ވާހަކައެވެ. އެހާދިސާއާ ގުޅިގެން ހިތުތެރޭ އުފެދޭ ސުވާލުތަކުގެ ވާހަކައެވެ. ކަން މިހެން އޮތްނަމަވެސް އެންމެންގެ ވެސް ބޮޑު ކަންބޮޑުވުމެއް އެބަވެ އެވެ. އެއީ އެހާދިސާގެ ކޮޅެއް މެދެއް އަދިވެސް ރަނގަޅަށް ނޭނގުމެވެ.

މިދިޔަ މަހު 28 ވަނަ ދުވަހު ހައްޖުގެ މާތް އަޅުކަން އަދާ ކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ މާލެވަޑައިގެންނެވި ލޯންޗްކޮޅުގައި ހިނގި އެ ހާދިސާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ހަގީގަތަކީ އެ ހާދިސާއާއި ގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނާ އަދި ހިއްސާ ނުކުރާ ކަމެވެ. މިހާތަނަށް މައުލޫމާތަކަށް އެނގުނުހާވެސް އެއްޗަކަށް ވެފައި ވަނީ ލަންކާގެ ފޮރެންސިކް ޓީމަކުން ހާމަ ކުރި މައުލޫމާތު އެކަނި ކަމުގައި ބުންޏަސް ދޮގަކަށްނުވާނެ އެވެ.

ރިޔާސީ ލޯންޗުކޮޅުގައި ހިނގި ގޮވުމަކީ ދުރާލައި ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް އެ ހާދިސާ ތަހްގީގުކުރަން ރާއްޖެއައި ސްރީ ލަންކާގެ ތަހްގީގު ޓީމުން ވަނީ އެގައުމުގެ ނޫހަކަށް މައުލޫމާތުދީފަ އެވެ. ލަންކާގެ ސީއައިޑީ ދެ އޮފިސަރުން ހިމެނޭ ގޮތަށް ޖުމުލަ ހަތަރު މީހުންގެ ތަހްގީގު ޓީމާ ހަވާލަދީ އެ ގައުމުގެ ޑެއިލީމިރާގައި ބުނެފައި ވަނީ، ރިޔާސީ ލޯންޗުކޮޅުގެ ގޮވުމަކީ، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިމާވި ހާދިސާއެއް ކަމަށް ކުރިން ބެލެވުނު ނަމަވެސް، އެއީ ދުރާލައި ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ.

މައުލޫމާތު ދިން ފަރާތާ ހަވާލާދީ އެ ނޫހުން ބުނީ، ގޮވާ ޒާތުގެ އެއްޗެއް ހަރުކޮށްފައި ވަނީ ފިނިފެންމާ ލޯންޗުގެ ކެޕްޓަން އިންނަ ސީޓުގެ ދަށުން ވީއައިޕީ ކެބިން ތެރޭގައި ކަމަށެވެ. އަދި އެ މައުލޫމާތު ދިވެހި ސަރުކާރާ ހިއްސާކޮފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ދަގާޑިއަން ނޫހަށް ރައީސް އޮފީހުގެ މިނިސްޓަރު ދެއްވި އިންޓަވިއުއެއްގައި ވަނީ އެއީ ރައީސް އަވަހާރަކޮށްލުމަށް އެ ލޯންޗުގައި އެއްޗެއް ގޮއްވާލީ ކަމަށް ބުނެފަ އެވެ.

އެއީ މިހާތަނަށް އެހާދިސާއާ ގުޅިގެން ލިބުނު އެންމެ ސައްހަ މައުލޫމާތެވެ. އެނޫނީ މުޅިންވެސް އަޑުއިވެނީ ތުންތުން މަތިން ދެކެވޭ ވާހަކަތަކެވެ. އެ ހާދިސާއަށް ފަހު ރައީސް އޮފީހުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް ކަމުގެ ތަފްސީލެއް އެއްވެސް ވަރަކަށް ހާމައެއްނުކުރެ އެވެ. މެންދަމުގެ ހަމަހިމޭން ގަޑީގައި ނޫސްވެރިންގެ ކުއްލި ބައްދަލުވުމަކަށް ގޮވާލުމަށް ފަހު ހަމައެކަނި ހާމަ ކުރީ ނޫސްވެރިންނަށް ކުރިން ވެސް ފެނިފައިވާ ވީޑިއޯ ފުޓޭޖެކެވެ. އެ ނިމުނީއެވެ. އޭގެ ފަހުން އިންކުއަރީ ކޮމިޝަނުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އިރު އެ ދުވަހު ވެސް ލަންކާގެ ފޮރެންސިކް ޓީމުން ހާމަކުރި މިންވަރުގެ އިތުރަށް މާކަގިނަ މައުލޫމާތުތަކެއް ހާމަ ކުރިތަނެއްނުފެ އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، އެއީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ދީފައިވާ ހަމަލާއެއް ކަމަށާއި މުޅި ކޮމިޝަން އެކަމަށް އިއްތިފާގުވާ ކަމަށެވެ.

އެހާދިސާއަކީ ރައްޔިތުންގެ ހިތްތަކުގައި އެތައް ސުވާލެއް އުފެދިފައިވާ ހާދިސާއަކަށްވުމުން ނޫސްވެރިންގެ ގިނަ ސުވާލުތަކެއް ވަނީ ކޮމިޝަނާ އަމާޒުކުރެވިފަ އެވެ. ނަމަވެސް ޖަވާބަކަށް ލިބިގެންދިޔައީ ފިނި ޖަވާބެކެވެ. އެއީ ތަހުގީގް ކުރިއަށްދާ މައްސަލައަކަށް ވާތީ މައްސަލައިގެ ތަފްސީލެއް ހާމަކުރެވޭކަށް ނެތް ވާހަކައެވެ.

އެންމެ ފަހުން އިއްޔެ ފެނިގެން މިދިޔައީ އެ ބޮން ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބް ހައްޔަރު ކުރެވިގެން ދިޔަތަނެވެ. ގައުމެއްގެ ނައިބު ރައީސް ހައްޔަރު ކުރާ ހިސާބަށް ކަންކަން ވެގެން ދިއުމުން ވެސް މިވަނީ ކިހިނެއްކަމާ މެދު ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުލިބެ އެވެ.

ނައިބު ރައީސް ހައްޔަރު ކުރީ ކޮން ހެކިތަކެއްގެ މައްޗަށްތޯ ނޫސްވެރިން ސުވާލު ކުރުމުން ފުލުހުންގެ ސްޕޯކްސްޕާސަން އެސިސްޓެންޓް ކޮމިޝަނާ ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ، ހެކިތަކަކީ ކޯޓުތަކަށް ހުށަހަޅަން ޖެހޭ ކަމެއް ކަމަށާއި، އެފަދަ މައުލުމާތުތައް އާންމުކޮށް ހުޅުވާލައިފި ނަމަ ތަހުގީގަށް ހުރަސް އެޅޭނެ ކަމަށެވެ.

ރިޔާސީ ލޯންޗްކޮޅުގައި ބޮމެއްގޮވި މައްސަލައިގެ ފަހުން މިގައުމުގައި އެތައް ކަމެއް މިދަނީ ހިނގަމުންނެވެ. އެތައް ގެއެއް އެދަނީ ބަލައި ފާސްކުރަމުންނެވެ. ދެރައީ ކަމުގެ ހަގީގަތެއް ވާއެއް ނުވާއެއް އަދިވެސް ރަނގަޅަށް ސާފްނުވާތީ އެވެ. ތަހުގީގް ކުރަމުންދާ މައްސަލައެއް ކަމަށް ބުނުމުން މިއީ ފުދޭ ވަރެއް ނޫނެވެ. ގައުމުގައި މިހިނގާ ބޮޑެތި ކަންކަން ރައްޔިތުންނަށް އެނގެންޖެހެ އެވެ.