ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނައިބު ރައީސް އަހުމަދު އަދީބު މަސައްކަތް ކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިއަދު ދިވެހި ގައުމާ މުހާތަބް ކުރައްވަމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުންނާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނައިބު ރައީސް އަދީބް މަސައްކަތް ކުރެއްވި ކަމަށެވެ.

"ސިޔާސީ ގޮތުން އެމްޑީޕީ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއްގެ މަސައްކަތް ކުރެއްވިތަން. މީގެ ތެރޭގައި އަޅުގަނޑުމެން ރައްޔިތުން މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ މެމްބަރުންނާއިވެސް ނައިބު ރައީސް ވަނީ ވާހަކަފުޅު ދައްކަވާފަ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ނައިބު ރައީސް، އެމަނިކުފާނުގެ އިތުބާރުނެތް މައްސަލައެއްގައި ބައިވެރިވާންވީ އެއްވެސް ސަބަބެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. ނަމަވެސް ނައިބު ރައީސް އެމްޑީޕީގެ ބައެއް މެމްބަރުންނާއި ގުޅިގެން އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް މަސައްކަތް ކުރެއްވިކަން ކަށަވަރު ކަމަށް ރައީސް ވިދާޅުވި އެވެ.

"މިކަންކަމަށް ބަލާއިރު އަޅުގަނޑަށް ބެލެވެނީ ނައިބު ރައީސް އެމަސައްކަތް ކުރައްވަނީ އަޅުގަނޑާއި މިސަރުކާރުން ދަތުރުކުރާ މިސްރާބުން ނޫން ކަމަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި މިހާރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތުންވެސް ސަރުކާރަށް އެންމެ ބޮޑަށް ބޭނުންވި ވަގުތު "އެބޭފުޅުންގެ ހަރަކާތްތެރިކަމެއް ފެނިފައެއް ނެތް" ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް އިތުބާރުނެތް މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް އަޑުތައް ފެތުރިފައިވާއިރު އެމައްސަލަ ކާމިޔާބު ނުކުރެވޭނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ ދާދިފަހުން ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންނާ ބައްދަލު ކުރައްވައިފައެވެ. އެބައްދަލު ކުރެއްވުމުގައިވެސް ނައިބު ރައީސް އަހުމަދު އަދީބް ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.

ޗައިނާއަށްކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އިއްޔެ ރާއްޖެ ވަޑައިގެންނެވުމުން ނައިބު ރައީސް ހައްޔަރުކޮށްފައިވަނީ އެއާޕޯޓުންނެވެ. އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ، ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގަށެވެ.