އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ ލޯނު އެހީގައި ފިޝަރީޒު މިނިސްޓްރީން ހިންގަމުން ގެންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވާސިފިކޭޝަން ޕްރޮގްރާމްގެ މުއްދަތު 30 ސެޕްޓެމްބަރ 2017ގެ ނިޔަލަށް އިފާޑް އިން އިތުރު ކޮށްދީފި އެވެ.

އެ ޕްރޮގުރާމަކީ މަސްވެރިކަމާއި ދަނޑުވެރިކަމަކީ ޒުވާނުން ޝައުގުވެރިވާ ސިނާއަތަކަށް ހެދުމަށް އެދާއިރާގެ އުފެއްދުންތައް މާކެޓްކޮށް، އާ ވިޔަފާރީގެ ފުރުސަތުތައް ކޯޕަރޭޓިވްސް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމަށް ޒުވާނުން އަހުލުވެރި ކުރުމުގެ ގޮތުން ހިންގާ ޕްރޮގުރާމެކެވެ.

މިސަރުކާރު އައި ފަހުން އެ ޕްރޮޖެކްޓްގެ ތެރެއިން ހަތް ކޯޕަރޭޓިވްސް ގާއިމް ކުރެވި، ބައެއް ކޯޕަރޭޓިވްސްތަކުގެ އުފެއްދުންތައް ކާމިޔާބު ކަމާ އެކު މާކެޓް ކުރަން ފެށިފައިވާ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

"ކޯޕަރޭޓިވްސް އުފައްދައި އެތަންތަނުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތައް މިއަދުދަނީ މާރުކޭޓުތަކަށް ނެރެމުން. އަދި ބައެއް ކޯޕަރޭޓިވްސްތަކުން މިހާރު ދަނީ މި މަރުހަލާއަށް ވާސިލްވުމަށް މަސައްކަތް ކުރަމުން،" ފިޝަރީޒު މިނިސްޓްރީން ބުންޏެވެ.

ކޯޕަރޭޓިވްސްތައް އުފައްދައި ތަރައްގީ ކުރުމަށް އެ މިނިސްޓްރީން ހިންގާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވާސިފިކޭޝަން ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މިހާރު ޕްރޮގްރާމްގެ އެހީގައި މަސައްކަތް ކުރަމުން އަންނަ ކޯޕަރޭޓިވް ސޮސައިޓީތަކުގެ ވިޔަފާރި އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައި ކަމަށާއި އޭގެ އިތުރުން، އާ ކޯޕަރޭޓިވް ސޮސައިޓީތަކުން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.