26 Oct 2015, 16:44
މެންޗެސްޓާ ޔުނައިޓަޑްގެ ކެޕްޓަން ވޭން ރޫނީއާ ގުޅޭ ގޮތުން ނޫސްވެރިން އެ ޓީމްގެ ކޯޗް ލުއިސް ވެންހާލްއާ މާގިނައިން ސުވާލު ކުރުމުން ވެންހާލް ރުޅި ގަދަ ވެއްޖެ އެވެ.
ރޭ މެންޗަސްޓާ ޑާބީގައި މެންޔޫ އާއި މެންސިޓީ ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު ވާހަކަ ދައްކަމުން ވެންހާލް ބުނީ ރޫނީގެ ވާހަކަ ދައްކައި ދައްކައި މިހާރު ބަލި ވެއްޖެ ކަމަށާއި އިތުރަށް ދެން ރޫނީއާ ގުޅޭ ގޮތުން އޭނާއާ ސުވާލު ނުކުރުމަށް އެދޭ ކަމަށެވެ.
"އަހަރެން ކޮންމެ ހަފްތާ އަކު ވެސް ރޫނީގެ ވާހަކަދައްކަން. އަހަރެން ދެން އިތުރަކަށް ރޫނީގެ ވާހަކަ ދައްކާކަށް ނެތިން. ރޫނީގެ ކުޅުމާ ދޭތެރޭގައި ގޮތެއް ނިއްމާނީ ތިޔަ ބޭފުޅުން." ހިތްހަމަ ނުޖެހިހުރެ ވެންހާލް ބުންޏެވެ.
ރޭގެ މެޗުގެ ފަހު ފަސް މިނެޓްތެރޭ ޔުނައިޓެޑުން ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން، ލިންގާޑް ކުރިއަށް ފޮނުވާލި ހަމަލާއެއް ސިޓީގެ ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، ފެލައިނީ ކުރިއަށް ފޮނުވާލި ހަމަލާ ދިފާއުކުރީ ސިޓީގެ ގޯލްކީޕަރު ޖޯ ހާޓް އެވެ.
ސިޓީގެ ކޯޗު މެނުއެލް ޕެލެގްރީނީ ބުނީ، އެ މެޗުގައި ސިޓީން ކުޅުނީ އޭނާ އެންމެ ކުޅުވަން ބޭނުންވި ގޮތަށް ނޫން ކަމަށާއި ނަމަވެސް ޕޮއިންޓެއް ލިބުމުން އެކަމާ ހިތްހަމަޖެހޭ ކަމަށެވެ.
"ރަނގަޅު ޕޮއިންޓެއް މި ލިބުނީ. މޮޅު ނުވަންޏާ ދެން ބަލަންވާނީ ބަލިނުވެވޭތޯ. މާގިނައިން ބޯޅަ ހިފަހައްޓައިގެން ކުޅެވޭ ގޮތެއް އަހަރުމެންނަށް ނުވި މި މެޗުގައި. އެހެންވެ ވަރަށް ސަމާލުކަން ދީގެން ކުޅެން ޖެހުނީ،" ޕެލެގްރީނީ ބުންޏެވެ.
މެންޗެސްޓާ ޑާބީގެ ނަމުން މަޝްހޫރު މި މެޗު އެއްވަރުވުމާ އެކު ސިޓީ އަށް ތާވަލުގެ އެއް ވަނަ ލިބުނީ އާސެނަލްއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ފައިދާ ގޯލުގެ ތަފާތުންނެވެ. ކޮންމެ ޓީމަކަށް ވެސް ލިބިފައި ވަނީ 22 ޕޮއިންޓެވެ.
ރޭގެ މެޗުން އެއްވަރުވެ މެންޔޫ ތާވަލްގެ ހަތަރު ވަނައިގައި އޮތީ 20 ޕޮއިންޓް ލިބިގެންނެވެ. އެ އަދަދަށް ޕޮއިންޓް ލިބިގެން ވެސްޓްހެމް ޔުނައިޓަޑް ތިން ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ.