26 Oct 2015, 16:00
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި މިއަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ނުވަތަ ތަކެތީގެ އަގުތައް 1.10 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.
އެ ބިއުރޯ އިން އާންމުކުރި ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި)ގައި ބުނެފައި ވަނީ، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ އިންފްލޭޝަން ރޭޓަކީ -0.04 ޕަސެންޓް ކަމަށެވެ. އޮގަސްޓް 2014 އިން އޮގަސްޓް 2015 އަށް އިންފްލޭޝަން ރޭޓަކީ 1.21 ޕަސެންޓެވެ.
ސެޕްޓެމްބަރު މަހު މައިގަނޑު ގޮތެއްގައި އަގު ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި މަހުގެ ބާވަތްތައް ހިމެނެ އެވެ. އެގޮތުން މަހުގެ ބާވަތްތަކުން ވަނީ 2.20 ޕަސެންޓް ދަށްވެފަ އެވެ.
އޭގެ އިތުރުން ވައިގެ މަގުން ކުރާ ދަތުރުފަތުރުތަކުން 3.23 ޕަސެންޓް ދަށްވެފައިވާ އިރު، ކިރު، ޗީޒް އަދި ކުކުޅުބިސް ފަދަ ބާވަތްތަކުން 0.51 ޕަސެންޓް ވަނީ އަގު ދަށްވެފަ އެވެ. އަދި ބެޑްޝީޓް ފަދަ ތަކެތިން 1.80 ޕަސެންޓް ވަނީ ދަށްވެފަ އެވެ.