26 Oct 2015, 19:21
އިނގިރޭސީވިލާތާއެކު އޮންނަ ގުޅުން ހީނަރުވެފައިވާ ކަމަށް އިނގިރޭސީ ވިލާތުގައި ހުންނަ އެ ގައުމުގެ ސައުދީ ސަފީރު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގައި ހުންނަ ސައުދީ ސަފީރު ޕްރިންސް މުހައްމަދު ބިން ނަވާފް ބިން އަބްދުލް އަޒީޒު މިއަދު ވިދާޅުވީ ސައުދީއާމެދު އިނގިރޭސީވިލާތުން ދެކޭ ގޮތްބޮޑަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރު ކުޑަވެފައިވާ ކަމަށް އިޝާރާތްކޮށް ޕްރިންސް މުހައްމަދު ވިދާޅުވީ ސައުދީގެ ޖަލު މުވައްޒަފުންނަށް "ޓްރެއިނިންތައް ނީޑްސް އެނެލިސިސް" ސާވޭއެއް ހެދުމަށް ދެގައުމުން ވެފައިވާ އެއްބަސްވުން އިނގިރޭސީ ބޮޑު ވަޒީރު ޑޭވިޑް ކެމެރަން އުވާލާފައިވާ ކަމަށެވެ.
އެ އެއްބަސްވުމާ ބެހޭ ގޮތުން ބޮޑު ވަޒީރު ޑޭވިޑް ކެމެރަންގެ ތަރުޖަމާނު ބުނެފައި ވަނީ އެ އެއްބަސްވުން އުވާލީ ބްރިޓެއިންގެ ދާހިލީ ކަންތަކަށް ބޮޑަށް އިސްކަން ދިނުމަށް ކަމަށެވެ.
"ދެ ގައުމުގެ މެދުގައިވާ ވިޔަފާރިގެ ގުޅުންތައް ސިޔާސީ މައްސަލަތަކުގެ ސަބަބުން ބުރޫ އަރާނަމަ މި ގުޅުން އޮންނާނީ ނުރައްކާތެރި ފައްތަރެއްގެ މަތީގައި،" ޕްރިންސް މުހައްމަދު އިންޒާރު ދެއްވި އެވެ.
"މި ގުޅުން ވަރުގަދަ ކުރުމަށް ސައުދި އަރަބިއާއިން ބޭނުންވޭ. ނަމަވެސް އަޅުގަނޑުމެން އެހެން މީހުންގެ ފާޑުކިޔުންތައް އަޑު އަހަން ބޭނުމެއް ނޫން. ވިސްނާނުލާ ވަގުތީ ފައިދާ އަށް ނިންމާ ނިންމުންތަކުގެ ސަބަބުން ލިބޭ ފައިދާ އަށް ވުރެ ވާ ގެއްލުން މާ ބޮޑުވާނެ"
ޕްރިންސް މުހައްމަދު ފާހަގަ ކުރެއްވީ ސައުދި އަރަބިއާ އާ ބެހޭގޮތުން ގިނަ ބަޔަކު ތަފާތު ކުންހީތައް ކުރާކަމަށެވެ. ނަމަވެސް އެހެން ގައުމުތަކުގެ ސަގާފަތަށާއި، ދީންތަކަށާއި، ގާނޫންތަކަށް ސައުދި އަރަބިއާއިން އިހްތިރާމް ކުރާ ފަދައިން އިނގިރޭސިވިލާތުން ވެސް އަރަބިންނަށް އިހްތިރާމް ކުރަން ވާނެ ކަމަށް ޕްރިންސް ވިދާޅުވިއެވެ.