27 Oct 2015, 11:45
ސ. ހުޅުދޫ، ލިލީމާގޭ އަބްދުﷲ ފަރުހާދު މަރާލިިކަމުގެ ކުށް ސާބިތުވެ މަރުގެ ހުކުމް އިއްވާފައިވާ ގ. ރީފް، މުހައްމަދު ނަބީލްގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އަންނަ މަހު އިއްވާނެ ކަމަށް ހައިކޯޓުން ބުނެފި އެވެ.
މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ނަބީލްގެ ގާނޫނީ ވަކީލު ކުރެއްވި ސުވާލުގެ ޖަވާބުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އަބްދުﷲ ހަމީދު ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިތާ މިހާރު ހަތަރު އަހަތަށްވުރެ ގިނަ ދުވަސް ވަނީވެފައެވެ.
މިއަދު އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ އެ މައްސަލައިގެ ހުރިހާ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށެވެ. ސަބަބަކީ މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައިވާތީ އެވެ.
އެ ބެންޗުގައި ކުރިން ހިމެނުނު ފަނޑިޔާރު އައްބާސް ޝަރީފާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ބަދަލުގައި މިހާރު ތިއްބެވީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
ފަނޑިޔާރު އައްބާސް ޝަރީފް ވަނީ ރިޓަޔާ ކުރައްވައިފައެވެ. އަދި އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ގޮތްޕަށް ފަނޑިޔާރު އަޒުމިރާލްދާ ވަނީ ބަދަލުކޮށްފައެވެ.
ދެހާސް ނުވަ ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކަޓަރު ތިލައަކުން ހަމަލާދީ ފަރުހާދު މަރާލުމުގެ ކުށް ނަބީލްގެ މައްޗަށް ސާބިތުވާ ކަމަށް ކުރީގެ ޖިޏާއީ ކޯޓުން ހުކުމްކުރީ 2010 ވަނަ އަހަރުއެވެ.