ޓެރަރިޒަމް މަނާ ކުރުމުގެ ބިލް މިހާރު އޮތްގޮތުން ހައްގުތައް ހޯދަން ކުރާ މަސައްކަތްތައް ހުއްޓުވުމަށް އެގާނޫނު ބޭނުންކުރެވޭނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

ޓެރަރިޒަމް ބިލާ ގުޅޭ ގޮތުން އެމްޑީޕީއިން އޮތް ކަންބޮޑުވުންތައް ނޫސްވެރިންނާއި ހިއްސާކުރަމުން އެމްޑީޕީގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކާއި ހައްގުތައް ހޯދަން ކުރާ މަސައްކަތްތައް ހުއްޓުވުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ބޭނުންކޮށްފާނެތީ ކަންބޮޑުވުން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ މިބިލުގެ ސަބަބުން ޓެރަރިޒަމް ނޫން އެހެން އަމަލުތައް ޓެރަރިޒަމް ފައްތައިގެން އެގޮތަށް މީހުންނާ ދޭތެރޭ އަމަލު ކުރެވިގެން ދާކަށް." ރޮޒެއިނާ ވިދާޅުވި އެވެ. "އެއަމަލަކީ ޓެރަރިޒަމްގެ އަމަލުތައް ނޫން އެހެން އަމަލުތައް ހައްގު ހޯދަން ކުރާ މަސައްކަތްތައް ހުއްޓުވުމަށް ބޭނުންކުރާ ގާނޫނަކަށްވުމުގެ ބިރު އަޅުގަނޑުމެންނަށް އެބައޮތް."

އެމްޑިޕީން ޔަގީން ކުރަން ބޭނުންވާ ކަމަކީ އެބިލުގެ ސަބަބުން ހުރިހާ ރައްޔިތުން ޓެރަރިސްޓުންނަށް ހެދިގެން ނުދިއުން ކަމަށާއި އެމްޑީޕީން އެބިލަށް ހުށައަޅާފައިވާ އިސްލާހުތައް ފާސްވުން މުހިންމު ކަމަށްވެސް ރޮޒެއިނާ ވިދާޅުވި އެވެ.

ޓެރަރިޒަމްގެ އަމަލުތައް ނޫންކަމަށް ބެލުމަށް އެމްޑީޕީ އިން ހުށައެޅިކަންކަން:

*ސިޔާސީ ޕާޓީއެއް އުފެދިފައިވާ މަގުސަދުތައް ހާސިލް ކުރުމަށް ހިންގާ ހަރަކާތް.

*ކުލަބު ޖަމިއްޔާއެއް އުފެދިފައިވާ މަގުސަދުތައް ހާސިލް ކުރުމަށް ހިންގާ ހަރަކާތް.

*މީޑިއާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ހިންގާ ހަރަކާތް.

*ގާނޫނު އަސާސީން ލިބިދޭ ހައްގަކަށް ވަކާލާތު ކުރުމަށް ރައްޔިތުން ހިންގާ ހަރަކާތް.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑިޕީގެ މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުން ސަރުކާރުން ބޭނުންވާ ކޮންމެ ހިނދެއްގައި ކޮންމެ އަމަލަކީ ކޮންމެ މީހަކީ ޓެރަރިސްޓް އަމަލަކަށް ހެދިގެންދާ ކަމަށާއި އެއީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެބިލް މިހާރު އޮތް ގޮތުން އަސާސީ ހައްގުތައް ހަނިކުރެވިގެންދާ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހުށަހަޅުއްވާފައިވާ "ޓެރަރިޒަމް މަނާ ކުރުމުގެ ބިލް" ފާސްކުރުމަށް މިއަދު ވޯޓަށް އަހާއިރު އެބިލުގައި ބުނެފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ބެހުމާއި ސާކިއުލޭޓު ކުރުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށެވެ. ހަމައެއާ އެކު ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުން ވިއްކުމާއި ދިނުމުގެ އިތުރުން އެފަދަ ލިޔެކިއުން އާންމު ގޮތެއްގައި މީހުންނަށް ކިޔޭނެ ނުވަތަ އަޑުއެހޭނެ ނުވަތަ ފެންނަން ހުންނާނެ ގޮތަށް އެތަކެތި ލިބުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

ބިލުގައި ޓެރަރިޒަމުގެ އަމަލު ކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް:

މީހަކަށް އަނިޔާވެރިވުމުގެ ގޮތުން އޭނާގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ހިއްސަކަށް ގެއްލުން ދިނުން.

ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ބެހެއްޓުން

މުދަލަށް ބޮޑެތި ގެއްލުން ދިނުން.

ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވުން

ފުރާދުއްވާ އެއްޗެހި ހައިޖެކް ކުރުން.

އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ސިއްހީ ގޮތުން ބޮޑެތި ނުރައްކަލެއް ކުރިމަތިވުން.