ސައުދީ އަރަބިއާގެ ނަޖްރަން ސިޓީގެ ޝީޢީ މިސްކިތަކަށް ހޯމަ ދުވަހު ދިން ޖާނުން ފިދާވުމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފި އެވެ. އެ ހަމަލާގައި އެކަކު މަރުވެ، 16 މީހަކަށް ވަނީ އަނިޔާވެފަ އެވެ.

ސައުދީ ޓީވީ އިން މިއަދު ބުނި ގޮތުގައި ޖާނުން ފިދާވި މީހާގެ ކާރު ވަނީ ނޯޓަކާ އެއްކޮށް ފެނިފަ އެވެ. މިސްކިތަށް ހަމަލާ ދޭން އުޅޭ ކަމަށް ބުނެފައިވާ އެ ނޯޓަކީ އޭނާގެ މައިންބަފައިންނަށް ލިޔެފައިވާ ނޯޓެކެވެ.

މަންޒަރު ދުށް ފަރާތަކުން ބުނެފައިވާ ގޮތުން ބޮން ގޮވާފައި ވަނީ ހަމަލާދިން މީހާ މިސްކިތަށް ވަންނަން އުޅެނިކޮށެވެ.

އައިއެސްއިން ޓްވީޓްކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން އެ ޖަމާއަތުން އެ ހަމަލާ އަމާޒުކޮށްފައި ވަނީ ޝީޢީންނަށެވެ.

ނަޖްރަންގެ އާބާދީގެ ދެބައި ކުޅަ އެއްބައި މީހުންނަކީ ޝީޢީންނެވެ.

ސައުދި އަރަބިއާގެ ގިނަ ޝީޢީން ދިރިއުޅޭ އިރުމަތީ ޕްރޮވިންސް އަށް މި އަހަރުގެ ތެރޭގައި ހަތަރު ހަމަލާ ދީފައިވެ އެވެ. މިހަމަލާތަކަކީ އައިއެސްއައިއެލް އިން ދީފައިވާ ހަމަލާތައް ކަމުގައި ބެލެވެ އެވެ.