އެފްއޭއެމްގެ އާ އަސާސީ ގަވާއިދަށް ބައެއް މާއްދާތައް އިތުރުކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޖަމިއްޔާތަކާ ބެހޭ ރަޖިސްޓްރާ އެފްއޭއެމަށް ލަފާ ދީފި އެވެ.

އެފްއޭއެމްގެ ޖެނެރަލްސެކްރެޓަރީ ބައްސާމް ޢަދީލް ޖަލީލް، ސަންއަށް ވިދާޅުވީ، އެފްއޭއެއެމްއިން ހޯމް މިނިސްޓްރީއަށް ފޮނުވި ސިޓީއާ ގުޅިގެން ހޯމް މިނިސްޓްރީއިން އެފްއޭއެމްގެ އާ އަސާސީ ގަވާއިދަށް ބައެއް މާއްދަތައް އިތުރު ކުރުމަށް ލަފާ ދެއްވާފައިވާ ކަމަށެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއިން ފާސްކޮށްފައިވާ ގަވާއިދުގައި ހިމެނޭ އެއްވެސް މާއްދާއެއްގައި މައްސަލައެއް ނެތް ކަމަށާއި ރަޖިސްޓްރާ ލަފަ ދެއްވާފައިވަނީ ޖަމިއްޔާތަކާ ބެހޭ ގަވައިދުގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާގައި ހިމެނޭ ކަންކަން އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ހިމެނުމަށް ކަމަށް ބައްސާމް ވިދާޅުވި އެވެ.

ޖަމިއްޔާތަކާ ބެހޭ ގަވައިދުގެ 44 ވަނަ މާއްދާގައި ވަނީ ޖަމިއްޔާ އުވާލުމަށް ކަނޑައެޅުމަށް ޖަމިއްޔާއިން އަމަލު ކުރާނެ ގޮތްތަކާ ބެހޭގޮތުންނެވެ.

އެ ގަވާއިދުގެ 45 ވަނަ މާއްދާގައި ވަނީ ޖަމިއްޔާ އުވާލަން ޖަމިއްޔާގެ ހިންގާ ކޮމިޓީން ފަސް ކުރުމަށްފަހު ޖަމިއްޔާގެ މުދަލާ މެދު އަމަލު ކުރަންޖެހޭ ގޮތް ތަކެވެ.

"ވަރަށް ކުދި މާއްދަތައް އިތުރު ކުރުމަށް ލާފަ ދީފައިވަނީ އެސޯސިއޭޝަން އުވާލުމަށް އެސޯސިއޭޝަނުން އަމަލު ކުރަން ޖެހޭ ގޮތްތަކާއި އުވަލުމަށްފަހު އެފްއޭއެމްގެ މުދަލާ މެދު އަމަލު ކުރަންޖެހޭ ގޮތްތައް ހިމެނުމަށް ހުށަހަޅާފައިވަނީ،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ، ހޯމް މިނިސްޓްރީގެ ޖަމިއްޔާ ތަކާ ބެހޭ ރަޖިސްޓްރާ ޔޫސުފް ޢަބްދުލް ޣަފޫރުގެ ފަރާތުން އެފްއޭއެމްއަށް ގޮތުން އެއްބާރުލުން ލިބެމުންދާ ކަމަށާއި މިއަދުވެސް އަސާސީ ގަވާއިދުގައި ހުރި ކަންކަމަށް ރިއާޔަތްކޮށް އެފްއޭއެމްގެ އިންތިޚާބާ ގުޅޭ ގޮތުން އެފްއޭއެމް ވަކީލް ރަޖިސްޓްރާއާ މަޝްވަރާ ކުރެއްވި ކަމަށެވެ.

އެގޮތުން އެފްއޭއެމްގެ އަސާސީ ގަވާއިދަށް އިތުރު ކުރަން ޖެހޭ މާއްދާތައް އިތުރުކޮށް ދިނުމަށްފަހު އެފްއޭއެމްގެ އިންތިޚާބު ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުމަށް އެފްއޭއެމްގެ ފާރާތުން ރަޖިސްޓްރާއާއެކު މަޝްވަރާ ކުރާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމްގެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް އިތުރު މާއްދާތަކެއް ގެނެސް، އިންތިހާބު ބޭއްވުމުގެ ހުއްދަ ހޯދުމަށް އެފްއޭއެމްގެ ފަރާތުން ރަޖިސްތްރާއާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.