އެފްރިކާގެ ގެތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ޓަކައި މޮރޮކޯ އިން އެ ބައްރުގެ އެންމެ ބޮޑު "ސޯލާ ފާމް" އުފެއްދުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ސަހާރާ ޑެޒާޓް ކައިރީ ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ސޯލާ ފާމް އިން 2020 ވަނަ އަހަރު ނިމެންވާއިރަށް އެފްރިކާގެ ދެބައިކުޅަ އެއްބަޔަކަށް ކަރަންޓު ފޯރުކޮށްދޭނެ ކަމަށް މޮރޮކޯ އިން ވަނީ ބުނެފަ އެވެ.

ސޯލާ ފާމްއެއް ގާއިމު ކުރުމުގެ ފުރަތަމަ މަރުހަލާ އަންނަ މަހުގައި ނިމެނޭ ކަމަށް ބޭރުގެ ނޫހެއް ކަމަށްވާ "ދަ ގާޑިއަން" އިން ވަނީ ބުނެފަ އެވެ. ނޫރުގެ ނަމުން ނަން ދެވިފައިވާ އެ ފުރަތަމަ މަރުހަލާގައި ހަނދުފަޅިތަކެއްހެން ހުރި 500،000 ސޯލާ "ލޯގަނޑު"ތަކެއް ހަރުކުރާނެ އެވެ. އެއިން 160MWގެ ހަކަތަ އުފައްދާނެ އެވެ.

މުޅި ޕްރޮޖެކްޓް ނިމުމުން 580MWގެ ހަކަތަ އެ ފާމުން އުފައްދާނެ ކަމަށް މޮރޮކޯއިން ވަނީ ބުނެފަ އެވެ.

މޮރޮކޯގެ އެންވަޔަރަމެންޓް މިނިސްޓަރު ހަކީމާ އަލްހައިތު ވިދާޅުވީ އެ ގައުމީ ތެޔޮ ފަދަ އެއްޗެއް ނަގާ ގައުމެއް ނޫން ކަމަށެވެ. އަދި އެ ޕްރޮޖެކްޓަކީ ނުވަ ބިލިއަން އެމެރިކާ ޑޮލަރުގެ ޕްރޮޖެކްޓަކަށްވި ނަމަވެސް އެއީ ގައުމަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫރު މަޝްރޫއުގެ ދެވަނަ މަރުހަލާ ނިމޭއިރު ތިން ޕަވާ ޕްލާންޓް ހުންނާނެ ކަމަށް މޮރޮކޯ އިން ވަނީ ބުނެފަ އެވެ. އެގޮތުން 2017 ވަނަ އަހަރުގެ ތެރޭގައި އެ މަރުހަލާ ނިމޭއިރު އޭގެ ސަބަބުން އަށް ގަޑިއިރު ހަކަތަ ރައްކާ ކުރުމުގެ ވަސީލަތްތަތައް ގާއިމު ކުރެވޭނެ އެވެ.