ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އިއްޔެ ފާސްކުރި "ޓެރަރިޒަމް މަނާ ކުރުމުގެ ބިލް"ގައި ބުނެފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ބެހުމާއި ސާކިއުލޭޓު ކުރުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށެވެ. ހަމައެއާ އެކު ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުން ވިއްކުމާއި ދިނުމުގެ އިތުރުން އެފަދަ ލިޔެކިއުން އާންމު ގޮތެއްގައި މީހުންނަށް ކިޔޭނެ ނުވަތަ އަޑުއެހޭނެ ނުވަތަ ފެންނަން ހުންނާނެ ގޮތަށް އެތަކެތި ލިބުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

އެފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ ހަތް އަހަރާއި 10 ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި ޓެރަރިސްޓް ޖަމާއަތެއްގެ ލިޔުންތައް ޓީވީ ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ނަމަވެސް ފެތުރުމަކީ ކުށެކެވެ. އެފަދަ ކުށެއް ކޮށްފައިވާ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަ ޓެރަރިޒަމް މަނާކުރާ ގާނޫނަކީ މީގެ 25 އަހަރު ކުރިން ހަދާފައިވާ ގާނޫނެކެވެ. އެއީ މުޅި ޖުމުލަ ހަ މާއްދާއެއްގެ މައްޗަށް އެކުލެވިފައިވާ ގާނޫނެކެވެ.

ޒަމާނީ ގޮތަށް ބައްޓަން ކޮށްފައިވާ ޓެރަރިޒަމުގެ ބިލުގައި ބުނެފައި ވަނީ ޓެރަރިޒަމުގެ އަމަލެއް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ދިނުން ނުވަތަ އެހީތެރިވެދިނުމަކީ ވެސް ކުށެއް ކަމަށެވެ. އަދި އެފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެފަދަ ކަމެއް ކުރަން ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެދީ އެއްވެސް ސިފައެއްގައި އެފަދަ ކަމެއްގައި ބައިވެރިވާ ފަރާތެއްގެ އަދަބަކީ 17 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.