28 Oct 2015, 23:54
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކި ސަރަހައްދުތަގެ މަގުތައް ހެދުމަށް އިންޑިއާގެ ކުންފުއްޏަކާ ހަވާލުކޮށްފިއެވެ.
އިންޑިއާގެ ދެ ކުންފުނި ކަމަށްވާ މޯހަން މުތާ އެކްސްޕޯޓް އާއި އަޝޯކާ ބިލްޑްކޮން އެއްވެގެން ހަދާފައިހުރި ކޮންސޯޓިއަމްއަކާއި އެމަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) ހަވާލުކޮށްފައިވަނީ 40.3 މިލިއަން ޑޮލަރަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިރޭ ސަން އަށް ވިދާޅުވީ އިންޑިއާގެ ކުންފުއްޏާއި އެމަސައްކަތް ހަވާލުކޮށްފައި ވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަމަށެވެ.
އެ ޕްރޮޖެކްޓުގެ ތެރެއިން އަލަށް ހިއްކި ސަރަހައްދުގެ މައިގަނޑު މަގުތައް ތާރުއަޅައި ހެދޭނެ ކަމަށް ސައިމަން ވިދާޅުވިއެވެ. އަދި އެޕްރޮޖެކްޓުގެ ތެރެއިން ހުޅުމާލޭ ނޭބަހޫޑް ގުޅުވާލެވި ހުޅުމާލޭގެ ޓުރިސްޓު ސަރަހައްދުތަކާއި ޔޮޓްމެރީނާއާއި ޕާކްތަކުގެ މަގުތައް ވެސް ހެދިގެންދާނެ ކަމަށް ސައިމަން ވިދާޅުވިއެވެ.
އިންޑިއާ އެގްޒިމް ބެންކުން ލޯންގެ ދަށުން ހިންގާ އެޕްރޮޖެކްޓުގެ މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައިވަނީ އެޗްޑީސީން ކަމަށް ވެސް ސައިމަން ވިދާޅުވިއެވެ.