29 Oct 2015, 00:14
ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުގައި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ އެއްވެސް މެމްބަރަކު ބައިވެނުވެ ނުދާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެެވެ.
ޗެނަލް ތޭރާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން ވިދާޅުވީ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ 52 މެމްބަރުންގެ ސޮއާއެކު މަޖިލީހަށް ހުށައަޅާފައިވާއިރު އެ ވޯޓުގައި އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ހުރިހާ މެމްބަރުން ބައިވެރިވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގުރޫޕުގެ އެއްވެސް މެމްބަރަކު މީގައި ބައިވެރިނުވެ ނުދާނެ މި ވޯޓުގައި އަހުމަދު އަދީބް އަބްދުލް ގަފޫރަށް އިތުބާރު ނެތް މައްޗަށް ނަގާކަށް،" ނިހާން ވިދާޅުވިއެވެ.
ނައިބު ރައީސް އަދީބުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރުމަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ވޯޓު ހޯދައި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިއަށް އެ ވޯޓުގެ ކަންކަން ނިންމާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
ނައިބު ރައީސް އަދީބުގެ މައްޗަށް އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެއްވެސް ވަރަކަށް އެދިވަޑައިގެންފައިނުވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް މައްސަލަ މަޖިލީހަށް ސަރުކާރު ހިންގާ ކޯލިޝަނުން ހުށައަޅާފައިވާއިރު އެ މައްސަލާގައި ޖަވާބުދާރީވުމަށް ނައިބު ރައީސަށް މިހާރު ވަނީ 14 ދުވަހުގެ ނޯޓިސް ރައްޔިތުންގެ މަޖިލީހުން ފޮނުވާފަ އެވެ.
ނާއިބު ރައީސްގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓުގައި 85 މެންބަރުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓު ނާއިބު ރައީސް މަގާމުން ދުރުކުރުމަށް ލިބެން ޖެހެ އެވެ. އެއީ 57 މެންބަރުންގެ ވޯޓެވެ.