29 Oct 2015, 01:35
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސީލް އަހްމަދުގެ ގެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކޮށްފިއެވެ.
ލޮނުޒިޔާރަތްމަގު ޝަހީދު އަލީ މިސްކިތް ކައިރި ގޯޅިއެއްގެ ތެރޭގައި ހުންނަ ހ.ވީޕިން ވިލޯގެ ބަލާ ފާސްކޮށް ފުލުހުން ވަނީ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ބޮޑަށް ބެލެވޭގޮތުގައި އެއީ ދެ ބިދޭސީންނެވެ.
މިރޭ 1:00 ޖަހާކަންހާއިރު އެގޭ ބަލާ ފާސްކުރަން ފުލުހުން ފަށާފައިވާއިރު ބަލާ ފާސްކުރުން ނިންމާލާފައިވަނީ މެންދަމު 3:15 ކަންހާއިރުއެވެ. އެގެއިން އެއްވެސް އެއްޗެއް ފުލުހުން ގެންދިޔަމަންޒަރެއް ނުފެނެއެވެ.

ޝަހީދު އަލީ މިސްކިތް ކުރިމަތީގައި ހުރި ގެއެއް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކުރާއިރު، އެގޭގެ ބޭރުގައި ފުލުހުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ މާލޭގެ ގެއެއް ބަލާފާސްކޮށްފައިވާ ކަމަށާއި އެކަމުގެ ތަފްސީލް ހާމަ ކުރެވެން ނެތް ކަމަށެވެ.
މިފަހަކަށް އައިސް ފުލުހުން ވަނީ މާލޭގެ ގިނަ ގެތަކެއް ޗެކްކޮށް އެގޭތަކުން ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ގިނަ ގޭގޭ ބަލާ ފާސްކޮށްފައިވަނީ ރިޔާސީ ލޯންޗުގައި ބޮން ގޮއްވި މައްސަލާގައެވެ.
އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަސީލުގެ ފުލުހުން ބަލާ ފާސްކޮށްފައިވާއިރު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ފުލުހުން ބަލާ ފާސްކޮށް ޒިޔަތު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެފައި ވަނީ، ޒިޔަތު ދިރިއުޅުއްވާ އެޕާޓްމަންޓު ބަލައިފާސްކުރި އިރު ފުލުހުންގެ ރަސްމީ ބޭނުންތަކަށް ބޭނުންވާ އެއްޗިހީގެ ރިކްއެސްޓް ސިޓީތައް އެތަނުން ފެނިފައިވާ ކަމަށެވެ.