29 Oct 2015, 13:18
ނޭޕާލްގެ ރައީސާކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ބިދްޔާ ދޭވީ ބަންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބިދްޔާ ދޭވީ ބަންދާރީއަށް ތަހުނިޔާ ވިދާޅުވެފައިވެ އެވެ. އަދި ބިދްޔާ ދޭވީ ބަންދާރީގެ ޒަޢާމަތުގައި ނޭޕާލަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން، ދިވެހި ރާއްޖެއާއި ނޭޕާލާ ދެ ގައުމުގެ ދެމެދުގައި އޮތް ރަޙުމަތްތެރި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.