29 Oct 2015, 21:43
މޮބައިލް ފޯނު ނަންބަރު ބަދަލުނުކޮށް، ޚިދުމަތް ހޯދާ ނެޓްވޯކް ބަދަލުކުރެވޭ ޚިދުމަތެއް ވަރަށް އަވަހަށް ތައާރަފްކުރާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ.
ފޯނު ނަމްބަރު ބަދަލުނުކޮށް ސާވިސް ޕްރޮވައިޑާ ބަދަލު ކުރެވޭ އެ ހިދުމަތް ތާރަފް ކުރުމަށް ކޭމުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ހިދުމަތުގެ ސަބަބުން ދިރާގު ނަންބަރެއް ގެންގުޅޭ މީހަކު، އުރީދޫ ނެޓްވޯކަށް ބަދަލުވެވިދާނެ އެވެ. އަދި އުރީދޫ ފޯން ނަމްބަރެއް ބޭނުންކުރާމީހަކު، ދިރާގަށް ވެސް ބަދަލުވެވިދާނެ އެވެ.
"ނަންބާ ޕޯޓަބިލިޓީ" ނަމަކަށް ކިޔާ އެ ހިދުމަތާ ގުޅޭ ގޮތުން ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު "ސަން" އަށް މިރޭ ވިދާޅުވީ، އެ ހިދުމަތް ދޭނީ ރާއްޖޭގެ މުވާސަލާތީ ހިދުމަތް ދޭ ދެ ކުންފުނި ކަމަށްވާ ދިރާގު އަދި އުރީދޫއާ ވެސް ގުޅިގެން ކަމަށެވެ.
"މިސާލަކަށް އުރީދޫގެ ކަސްޓަމާއެއް ދިރާގުގެ ހިދުމަތް ބޭނުންވާ ކަމަށް ވެއްޖިއްޔާ މިޖެހެނީ 7 ގެ ނަންބަރެއް ނަގަން. އަދި ދިރާގުގެ ކަސްޓަމަރެން އުރީދޫއަށް ބަދަލުވާނަމަ ޖެހެނީ 9 ގެ ނަންބަރެއް ނަގަން. އެހެންވީމަ މި ހިދުމަތް އައީމަ އެމީހަކު އަތުގަ އޮތް ނަންބަރަކުން ބޭނުން އޮޕަރޭޓަރެއްގެ ހިދުމަތް ހޯދޭނެ. އެ ނަންބަރަކީ ވަކި އޮޕަރޭޓަރަކަށް ނިސްބަތްވާ އެއްޗަކަށް ނުވާނެ އޭރުން،" އިލްޔާސް ވިދާޅުވި އެވެ.
އެ ހިދުމަތުގެ ޑެމޯ އެއް އުރީދޫ އިން މިހާރު އަންނަނީ، ނެޝަނަލް އާޓްގެލަރީގައި ކުރިއަށްދާ ތިންވަނަ ޓެލެކޮމް އެންޑް އައިސީޓީ ފެއާގައި ދައްކާލަމުންނެވެ.
އުރީދޫގެ އޮފިޝަލަކު ވިދާޅުވީ، މީގެ ކުރިން ނެޓްވޯކް ބަދަލުކުރަން ބޭނުންވެއްޖެ ނަމަ ސިމްކާޑު ނުވަތަ އަމިއްލަ މީހާއަށް ގުޅޭ ނަންބަރު ބަދަލުކުރަން ޖެހުމުން ކަސްޓަމަރުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. ނަމަވެސް މި ހިދުމަތުގެ ސަބަބުން އެ މައްސަލައަށް ހައްލެއް ލިބޭނެކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އެ ހިދުމަތް ތައާރަފް ކުރާނެ ކަމަށެވެ. އަދި ހިދުމަތް ބޭނުންނަމަ "ޕްރޮސީޖާ ކުރިއަށްގެންދާނެ ގޮތް ހިދުމަތް ތައާރަފް ކުރުމާއެކު ތަފްސީލުކޮށްދެއްވާނެ" ކަމަށް އިލްޔާސް ވިދާޅުވި އެވެ.