މި އަހަރަކީ ރާއްޖޭގެ އިގްތިސާދީ ހަޔާތުގައި އިތުރު ބޮޅެއް އިތުރުވާ އަހަރެކެވެ. އޭގެން އެންމެ ހާއްސަ އެއް ކަމަކަށްވެފައި ވަނީ މިރޭ ތައާރަފްކުރެވޭ އާ ފައިސާގެ ނޫޓްތަކެވެ. އެފައިސާ ނޫޓުތަކަކީ އެތައް ގޮތަކުން ހާއްސަ ނޫޓުތަކަކަށް މިވަނީ ވެފަ އެވެ. އޭގެ ތެރޭގައި އާ ފައިސާގެ ނޫޓުތަކުގައި ސޮއިކޮށްފައިވާ ފަރާތާއި ނޫޓުތަކުގެ ޑިޒައިންނާއި ސެކިއުރިޓީ އަށް ބެލި ނަމަވެސް އާ ނޫޓްތަކަކީ ހާއްސަ ނޫޓުތަކެކެވެ. މަރުކަޒީ ބެންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން މިރޭ ތައާރަފްކުރަނީ 10 ރުފިޔާއާއި 20 ރުފިޔާ އާއި 50 ރުފިޔާގެ އިތުރުން 100 ރުފިޔާއާއި 500 ރުފިޔާއާއި 1000 ރުފިޔާގެ ނޫޓުތަކެވެ.

މިއީ އަންހެނަކު ސޮއިކޮށް ރާއްޖޭގައި ނެރޭ ފުރަތަމަ ފައިސާ!

ފައިސާ ނެރުމަކީ އެމްއެމްއޭގެ ގާނޫނީ ޒިންމާއެކެވެ. އެ ފައިސާ ނެރޭ އިރު އެ ފައިސާއެއްގައި ސޮއިކުރާނީ އޭރު ހުންނަ ގަވަރުނަރެކެވެ. ރާއްޖޭގައި މިހާތަނަށް ތައާރަފްކޮށްފައިވާ ފައިސާތަކުގެ ތެރޭގައި ޖުމުލަ ފަސް ބޭފުޅަކު ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ރައީސް މުހަންމަދު އަމީން ދީދީ އާއި ބޮޑުވަޒީރު އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔީމް އާއި ކުރީގެ ގަވަރުނަރު ގާސިމް އިބްރާހިމްގެ އިތުރުން އޭރުގެ ގަވަރުނަރު ފަޒީލް ނަޖީބު ހިމެނެ އެވެ. އެ ފަސްބޭފުޅުންގެ އިތުރުން ދެން އެލިސްޓަށް މިރެއިން ފެށިފެން އިތުރުވެގެން އަންނަނީ މިހާރުގެ ގަވަރުނާ ޑރ. އަޒީމާ އާދަމެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އަންހެނަކު ފައިސާގައި ސޮއިކޮށް ނެރޭ ފުރަތަމަ ފަހަރެވެ.

އެމްއެމްއޭގެ ގަވަރުނާ އަޒީމާ އާދަމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

"ސޮއިކުރާއިރު އަންހެނަކަށް ވާތީ ވަރަށް ފަހުރުވެރިވޭ، އެކަމަކު އެއަށްވުރެ ވެސް އަންހެނަކަށް ފުރަތަމަ ލިބޭ މިވަރުގެ ބޮޑު މަސްއޫލިއްޔަތެއް މިއީ، އެއީ ގައުމެއްގެ ފައިސާ ނެރުމުގެ މަސްއޫލިއްޔަތު މިލިބެނީ،" ތާރީހުގެ ތެރެއަށް ވަނުމުގެ ޝަރަފް ލިބިގެންދިޔަ އަޒީމާ ވިދާޅުވި އެވެ.

ޑިޒައިން ހުންނާނީ ކިހިނެއް؟

އެމްއެމްއޭ އިން މިހާތަނަށް އާ ނޫޓްތަކުގެ ޑިޒައިން ހާމަކޮށްފައެއްނުވެ އެވެ. އަދި އެނޫޓުތަކުގެ ޑިޒައިންނާ ގުޅޭ މާކަބޮޑު ތަފްސީލެއް ހާމައެއް ނުކުރެ އެވެ. ދިވެހި ޒުވާން ކުރެހުންތެރިޔާ ބ. ކެންދޫ، ޖަވާހިރުމާގެ އުމުރުން 30 އަހަރުގެ އަބްދުﷲ ނަޝާތު ޑިޒައިންކޮށްފައިވާ ނޫޓުތަކާ ގުޅޭ ގޮތުން ގަވަރުނަރު އަޒީމާ ވިދާޅުވާ ގޮތުގައި އާ ނޫޓުތަކުގެ ޑިޒައިން ކުރީ ރާއްޖޭގެ ދިވެހިވަންތަކަމާ ގުޅޭ ޑިޒައިންތަކެއް ކަމަށާއި އޭގެ ކޮންމެ ނޫޓަކީ ވެސް ދިވެހި ރާއްޖެ ރަމްޒުކޮށްދޭ ނޫޓްތަކެއް ކަމަށެވެ.

"ވަރަށް ތަފާތު ޑިޒައިންނަކަށް ވެގެންދާނެ، ދުނިޔޭގެ ފެންވަރުގައި ވެސް ތަފާތު ޑިޒައިންއަކަށް ވެގެންދާނެ، ޑިލާރޫ [ފައިސާ ޕަރިންޓްކުރާ ކުންފުނި] ވެސް ބުނެފައި އޮތީ އެމީހުންނަށް ފެނުނު ޑިޒައިންތަކާއި ބަލާއިރު ވެސް މިއީ ވަރަށް ތަފާތު މޮޅު ޑިޒައިންއެކޭ،" ގަވަރުނަރު އަޒީމާ ވިދާޅުވި އެވެ.

ނޫޓު ކުރެހި ނަޝާތުގެ ވާހަކަތަކުން ވެސް އެނގޭ ގޮތުގައި އަލަށް ނެރޭ ފައިސާތަކަކީ ދިވެހި ރާއްޖެ ރަމްޒުކޮށްދީފައިވާ އަދި އެހެން ގައުމުތަކުގެ ނޫޓްތަކާއި 'ކޮންސެޕްޓް' ތަފާތު ވެފައިވާ މިންވަރަށް ތައްޔާރުކޮށްފައިވާ ނޫޓުތަކެކެވެ. އެ ނޫންޓްތަކުގެ ދިވެހި ވަންތަކަމާއި ދިވެހިރާއްޖެ ވަރަށް ބޮޑަށް ދައްކުވައިދޭ ނޫޓްތަކަކަށް ވެގެންދާނެ އެވެ.

"ރާއްޖޭގެ މެޖޯރިޓީ މީހުންނަށް ރީޑް ކުރެވޭނެ ކަހަލަ އެއްޗަކަށް ދާން ވެގެން ވިސްނާފައި ތަންކޮޅެއް ޓްރެޑިޝަނަލް އެއްޗެއް މޮޑަން ލޭއައުޓެއްގައި ޔޫސްކޮށްގެން އެގޮތަށް ގެންދިޔައީ،" އާ ނޫޓްތަކާ ގުޅޭ ގޮތުން ނަޝާތު ވިދާޅުވީ އެހެން އެކަންޏެވެ.

އާ ނޫޓުތަކުގެ ސައިޒާ މިހާރު ގެންގުޅޭ ނޫޓުތަކުގެ ސައިޒާއި އަޅާ ބަލާއިރު އެއްވެސް ތަފާތެއް ނުހުރެ އެވެ. ނަމަވެސް ފައިސާގެ ކުލަތަކަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. ފަނޑު ކުލަތަކެއް ވަނީ އެނޫޓުތަކުގައި ބޭނުންކޮށްފަ އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެ ނޫޓުތަކުގެ ތެރެއިން 10 ރުފިޔާގެ ނޫޓުގައި އަޅިކުލަ ބޭނުންކޮށްފައިވާ އިރު 20 ރުފިޔާގެ ނޫޓުގައި ބޭނުންކޮށްފައި ވަނީ ދަނބު ކުލަ އެވެ. އަދި 50 ރުފިޔާގެ ނޫޓުގައި ފެހި ކުލަ ބޭނުންކޮށްފައިވާ އިރު 100 ރުފިޔާގެ ނޫޓުގައި ރަތް ކުލަ ވަނީ ވޭނުންކޮށްފަ އެވެ. އަދި 500 ރުފިޔާގެ ނޫޓުގައި އޮރެންޖް ކުލަ ބޭނުންކޮށްފައިވާ އިރު 1000 ރުފިޔާގެ ނޫޓުގައި ބޭނުންކޮށްފައިވަނީ ނޫކުލަ އެވެ.

އެމްއެމްއޭއިން އަލަށް ނެރޭ ނޫޓުތަކުގެ ކުލަތައް--

ސެކިއުރިޓީ ވަރުގަދަ!

އަލަށް ނެރޭ ނޫޓުތަކަށް ލިބިގެންވާ ހާއްސަ ކަންތަކުގެ ތެރެއިން އަނެއްކަމަކީ ނޫޓުތަކުގެ ސެކިއުރިޓީ ރަނގަޅުކަމެވެ. އޭގެ ތެރެއިން ވެސް އެންމެ ހާއްސަ ކަމަކީ ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުގެ ފައިސާ ހަދާފައި ހުންނަ ޕޮލިމާ ކަރުދާހުން އާ ނޫޓުތައް ތައްޔާރުކޮށްފައިވުމެވެ. ޕޮލިމާ ނޫޓަކީ އެނޫޓުގައި އަތްލުމުން ވެސް އަދި ބަލާލުމުންވެސް އެއީ އަސްލު ނޫޓުކަން އެނގޭނެ ކަރުދާހެކެވެ. ހަމައެއާ އެކު އެކަރުދާހުގެ ކޮލެޓީ ރަނގަޅުވުމުން އެނޫޓުތައް ބާވުމުގެ ފުރުސަތު ކުޑަ އެވެ.

ގަވަރުނަރު އަޒީމާ ވިދާޅުވީ މިހާރު ގެންގުޅޭ ފައިސާގައި ބޭނުންކޮށްފައިވާ ކޮޓަން ނޫޓުތަކާއި ހިލާފަށް ޕޮލިމާ ކަރުދާހަކީ އުފައްދަން އުނދަގޫ ކަރުދާހެއް ކަމަށެވެ. އެހެން ކަމުން އާނޫޓުތަކުގެ ވަގު ނޫޓް ހަދަން އުނދަގޫވާނެ ކަމަށް އަޒީމާ ވިދާޅުވި އެވެ.

"ޕޮލިމާގައި އިންނާނީ ކްލިއާ ވިންޑޯވެސް އެހެންވީމާ އެ ހަދަންޔާމު ކުލިއާ ވިންޑޯއާއެކީގައި އެގޮތަށް ހެދުމަކީ ވަރަށް އުނދަގޫކަމަކަށް ވާނީ، ވަރަށް އަގު ވެސް ބޮޑު ކަމަކަށް ވާނީ، އެހެންވީމަ ކައުންޓަފީޓްކުރާ މީހުން ވެސް ޓާގެޓް ވެސް ގިނަ ފަހަރަކަށް ނުކުރާނެ ޕޮލިމާގައި އެގޮތަށް ކުރާކަށެއް." އަޒީމާ ވިދާޅުވި އެވެ.

އާ ނޫތަކުގައި ކުލިއާ ވިންޑޯއެއްގެ އިތުރުން ގިނަ ސެކިއުރިޓީ ފީޗާސްތަކެއް ހިމަނާފައިވާ ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އެގޮތުން ބަލާލުމުން ވެސް އެއީ އަސްލު ނޫޓުކަން އެނގޭނެ އަދި ލޮލުގެ ފެނުން ދަތި ފަރާތްތަކަށް ވެސް އަތްލީމާ އެއީ ކޮން އަދަދެއްގެ ނޫޓެއްކަން އެނގޭނެ ހާއްސަ ފީޗާސްތަކެއް އާ ނޫޓުތަކުގައި ހިމަނާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. ތަފްސީލް މިރޭ އެނގިގެންދާނެ އެވެ.

މަރުކަޒީ ބެންކް އެމްއެމްއޭ އިމާރާތް-- ސަން ފައިލް ފޮޓޯ

ކުއްލިއަކަށް ފައިސާ އާކުރަނީ ކީއްވެ؟

މިހާރު ރާއްޖޭގައި ގެންގުޅޭ ފައިސާގެ ނޫޓް ސީރީޒްއަކީ 1983 ތައާރަފްކޮށްފައިވާ ނޫޓުތަކެވެ. އެނޫޓުތަކަށް މިވަނީ 33 އަހަރު ވެފަ އެވެ. ގަވަރުނާ އަޒީމާ ވިދާޅުވާގޮތުގައި ފައިސާއަށް ބަދަލުތަކެއް ގެންނަނީ ޒަމާނީ ސެކިއުރިޓީ ފީޗާސް ހިމަނުމަށާއި ފައިސާގެ ޑިޒައިންތަކަށް ބަދަލުތައް ގެނައުމުގެ ގޮތުންނެވެ.

"ނޫޓްތަކަށް އަބަދުވެސް ބަދަލު އަންނާނެ ސެކިއުރިޓީ ފީޗާސް ލާންޖެހޭނެ، އަބަދުވެސް ސެކިއުރިޓީ ފީޗާސް އަޕްޑޭޓްވާން ޖެހޭ، އެހެން ނޫނީ އެފައިސާ ކައުންޓްފީޓް ކުރުމުގެ ޗާންސްއޮވެދާނެ. އެހެންވެ އަބަދު އެއް ފީޗާސްތަކެއް ހުންނަ ކަމަށް ވަންޔާ އެފީޗާސްތައް ދެނެގަނެގެން އެކަން ކުރެވޭތޯ މަސައްކަތް ކުރާނެ،" އަޒީމާ ވިދާޅުވި އެވެ.

އާ ނޫޓެއް ނެރޭނީ ނޫޓެއް ވަނީމަ!

އަލަށް ތައާރަފް ކުރާ ނޫޓްތަކާ އެކު ގިނަ ބައެއްގެ ހިތްތަކުގައި އުފެދޭ ސުވާލަކަށް ނުވަތަ ކަންބޮޑުވުމަކަށް ވެފައި ވަނީ އެމްއެމްއޭ އިން ދިވެހި އިގްތިސާދަށް ނޫޓްތަކެއް ނެރޭ ކަމަށެވެ. ގަވަރުނަރު އަޒީމާ ވިދާޅުވީ އެމްއެމްއޭ އިން ދިވެހި އިގްތިސާދަށް ނެރޭނެ ކޮންމެ ނޫޓެއް ނެރޭނީ އެ ބޭންކަށް އެ އަދަދު ނޫޓެއް ވަނުމުން ކަމަށެވެ. އެހެންކަމުން އިގްތިސާދުގައި ފައިސާ ގިނަ ވުމުގެ ބިރެއް ނެތެވެ.

"އާނޫޓްތައް ނުކުންނާނީ ވަންނަ ކޮންމެ އެއްޗަކަށް [ނޫޓަކަށް]، މަނީ ސަޕްލައިއަކަށް މީގެން ބަދަލެއް ނާންނާނެ. މަނީ ސަޕްލައިއަށް ބަދަލު އަންނާނީ އިކޮނޮމިކް ކޮންޑިސަންގެ ސަބަބުން. މީގެން މިވަނީ ރިޕްލޭސް މިވަނީ،" ގަވަރުނަރު އަޒީމާ ވިދާލުވި އެވެ.

ހޭލުންތެރިކުރަންވެސް އެތައް ޕުރޮގުރާމެއް!

މިރޭ ތައާރަފްކޮށްފައި ޑިސެމްބަރު މަހުގެ ތެރޭގައި މި ފައިސާ ނެރޭއިރު އާންމުން ހޭލުންތެރި ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް އެމްއެމްއޭ އިން ވަނީ ނިންމައިފަ އެވެ. އެގޮތުން އެމްއެމްއޭގެ ޓީމްތައް މާލެއާއި ރާއްޖޭގެ ހުރިހާ ރަށަކަށް ގޮސް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމްތައް ހިންގުމަށް ވަނީ ނިންމާފަ އެވެ. އެ ޕުރޮގުރާމުގެ ތެރެއިން ގިނަ ރައްޔިތުންނަށް ނޫޓްތައް ބަލާލުމާއި އަތްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ގަވަރުނަރު އަޒީމާ ވިދާޅުވި އެވެ.

އާ ނޫތްތައް ޑިސެމްބަރު މަހު ބޭނުން ކުރަން ފަށާއިރު އަންނަ އަހަރުގެ މޭ މަހުގެ ނިޔަލަށް މިހާރު ގެންގުޅޭ ނޫތްތަކާއި އަލަށް ނެރޭ ނޫޓުތައް ވެސް ބޭނުން ކުރެވެ އެވެ. މޭމަހަށް ފަހު މިހާރު ގެންގުޅޭ ނޫޓްތައް ބޭނުން ކުރުން ހުއްޓާލަ އެވެ. ނަމަވެސް ފަސް އަހަރު ވަންދެން ބޭންކަތަކާއި އެމްއެމްއޭ އިން އެ ނޫޓްތައް ބަދަލު ކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.