ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު ދަތުރުކުރެއްވި ރިޔާސީ ލޯންޗްގައި މިދިޔަ ސެޕްޓެމްބަރުމަހުގެ 28 ވަނަ ދުވަހު ހިނގި ހާދިސާ ހިނގާފައި ވަނީ ގޮވާއެއްޗެއް ( އެކްޕްލޮސިވްއެއް)ގެ ސަބަބުން ކަމަށް ނިންމޭވަރުގެ ހެއްކެއް ފެނިފައި ނުވާ ކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް( އެފްބީއައި) އިން ބުނެފިއެވެ.

އެފްބީގެ ތަރުޖަމާނަކާ ހަވާލާދީ ވޯލްސްޓްރީޓް ޖާނަލް އިން ހާދިސާ ހިނގި ތަނާއި އެތަނުން ފެނުނު، ބޮމެއްގެ ބައިތަކެއް ކަމަށް ފުރަތަމަ ބެލެވުނު ތަކެތީގެ ކެމިކަލް ޓްރޭސް ޓެސްޓް ހެދުމުން އެނގިފައި ވަނީ އެބައި ތަކަކީ ބޯޓްގެ ބައިތަކެއް ކަން ކަމަށެވެ.

"...ބޯޓްގައި ގޮވާފައި ވަނީ އައިއީޑީއެއް ކަމަށް ނިންމޭ ވަރުގެ ހެއްކެއް ނެތް،" އެފްބީއައިގެ ތަރުޖަމާނަކު ބުނި ކަމަށް ނޫހުގައި ވެއެވެ.

ލޯންޗްގައި ހިނގި ހާދިސާގެ ތަހުގީގުގައި ބައިވެރިވި އެފްބީއައި އިން މިހެން ބުނެފައި މިވަނީ އެހާދިސާގައި ބާރުގަދަ ގޮވާ އެއްޗެއް ގޮއްވާލާފައިވާ ކަމުގެ ހެކި ފެނިފައިވާ ކަމަށް ސްރީލަންކާއިން އެހެން ބުނެފައި ވަނިކޮށެވެ.