01 Nov 2015, 09:44
ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް މިއަދުން ފެށިގެން ނަގަން ފަށައިފި އެވެ.
ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގައި ވަނީ މިއަދުން ފެށިގެން ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުން އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ހަ ޑޮލަރުގެ ރޭޓުން ދައުލަތަށް ގްރީން ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ޓޫރިސްޓުންގެ އަތުން ނަގާ ހަ ޑޮލަރު ދައުލަތަށް ދެއްކުމަކީ އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތެއްގެ ޒިންމާއެއް ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
ގްރީން ޓެކްސްގެ ގޮތުގައި މި އަހަރު 341 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ގްރީން ޓެކްސް ތައާރަފް ކުރުމާ އެކު ލިބޭ އާމްދަނީ މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމް ގާއިމު ކުރުމުގެ އިތުރުން ގޮނޑުދޮށްތައް ހިމާޔަތް ކުރަން ކަމަށެވެ.
"ގްރީން ޓެކްސް އިން ލިބޭ އާމްދަނީން ބޮޑަށް އަޅުގަނޑުމެން ބަލާފައި މިހިރީ ރައްޔިތުންނަށް ތިމާވެށި ގެއްލުންވެގެން ކޮބާތޯ އޮތް އެންމެ ބޮޑު ގެއްލުމަކީ، އޭގެ ތެރެއިން ފެނުގެ ފަށަލަ ތަގައްޔަރުވެފައިވާ ރަށްތަކަށް، މިސާލަކަށް ބަލަމާ ހިނގާ އެކަހަލަ ރަށްރަށަށް ފެނާއި ނަރުދަމާ ގާއިމު ކުރުމަކީ އެއްކަމެކޭ. އަނެއް ކަމަކީ ކޯސްޓަލް ޕްރޮޓެކްޝަން [ގޮނޑުދޮށް ހިމާޔަތްކުރުން]،" މިނިސްޓަރު ވިދާޅުވި އެވެ.
ގްރީން ޓެކްސް ނެގުމާއި ގުޅޭ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މިޝަންގެ ހެޑް އެލިސަން ސްޓުއަޓް ވިދާޅުވީ އަލަށް ނެގުމަށް ނިންމާފައިވާ ގްރީން ޓެކްސް އަށް ތާއީދު ކުރާ ކަމަށެވެ.
"އަޅުގަނޑުމެން ގްރީން ޓެކްސް އަށް ސަޕޯޓް ކުރަން، އެކަން އަވަސް ކުރުމާ އެކު ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެއް،" އެލިސަން ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނީ ގްރީން ޓެކްސް ތައާރަފު ކުރުމަށް ނިންމާފައި ވަނީ ރާއްޖެ އަކީ ފަތުރުވެރިކަމުގެ މަންޒިލަކަށް ވެފައި ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ގާއިމުވެފައި ނެތުމުން، ފަތުރުވެރިކަމުގެ ދާއިރާ އަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާތީ، ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އެކަށީގެންވާ ކުނި ނައްތާލާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމަކީ ތިމާވެއްޓާ ރައްޓެހި ސިނާއަތްތަކަށް ހަދައި ފަތުރުވެރިންނަށް ތިމާވެއްޓާ ރައްޓެހި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.