03 Nov 2015, 16:03
މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ރަނަރަފު ޔުވެންޓަސްއަށް މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރު އަދި ޔަގީން ނުވާކަމަށް އެ ޓީމުގެ ކޯޗް މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޖަރުމަންގެ ބޮރޫޝިއާ މޮންޗެން ގްލެބާޗްއާ ދެކޮޅަށް ނިކުންނައިރު ޔުވެންޓަސް އޮތީ ހަތް ޕޮއިންޓާއެކު ގުރޫޕްގެ އެއް ވަނައިގައެވެ.
މިރޭގެ މެޗްގެ ކުރިން ވާހަކަ ދައްކަމުން އެލެގްރީ ބުނީ ޗެމްޕިއަންސް ލީގުގައި އެންމެ މެކްސިމަމްއަކީ މޮޅުވުން ކަމަށެވެ.
އެލެގްރީ ބުނީ ޗެމްޕިއަންސް ލީގުގައި ފިޒިކަލީ އަދި މެންޓަލީ އެންމެ ބޮޑަށް ފޯކަސް ކުރަންޖެހޭ ވަގުތަކީ މާޗް މަސް ކަމަށާއި އޭގެ ކުރީގައި ހުރިހާ ޓީމެއް ވެސް ފިޒިކަލީވެސް އަދި މެންޓަލީ ވެސް ރަނގަޅުވާނެ ކަމަށެވެ.
އެލެގްރީ އެ އިޝާރާތް ކުރީ ޗެމްޕިއަންސް ލީގު ދެވަނަ ބުރު މެޗްތައް ކުރިއަށް ދާ ދުވަސްވަރަށެވެ. ގިނަ ޓީމުތަކުގެ ފޯމް ދަށްވަނީ ދެވަނަ ބުރުގެ ނަތީޖަ ތަކުގެ ސަބަބުންނެވެ.
އޭނާ ބުނީ މިދިޔަ އަހަރު މާޗު މަހަށް އެޅިއިރު ޔުވެންޓަސްގެ ފޯމް އޮތީ އެންމެ ރަނގަޅު ހާލަތުގައި ކަމަށެވެ.
އޭނާ ބުނީ ޖެހިޖެހިގެން ދެމެޗުން މޮޅުވެފައި ނެތުމުން، ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ޔުވެންޓަސް ދާނެކަން ސީދާ ބުނަން އުނދަގޫ ކަމަށާއި ސަބަބަކީ ގުރޫޕް ސްޓޭޖުގައި ވަރުގަދަ ތިން މެޗް އޮތްއިރު އަދި އިތުރަށް ގިނަ ޕޮއިންޓްތަކެއް ހޯދަން ޖެހޭތީ ކަމަށެވެ.
އޭނާ ބުނީ އަދި މިސީޒަންގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވެފައި ނުވަނީ އެއީ މިސީޒަންގެ މެޗްތައް އުނދަގޫކަމުން ކަމަށެވެ.
މިރޭ ބޮރޫޝިއާގެ ދަނޑުގައި ކުޅޭ މެޗަށް މި ދެޓީމް ނިކުންނައިރު މި ދެޓީމް ޔުވެންޓަސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މިރޭ މޮންޗެންގްލެބާޗްގެ ދަނޑު ބޮރޫޝިއާ ޕާކް ސްޓޭޑިއަމްގައި ކުޅޭ މެޗް ފޭށޭނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:45 ގައެވެ.