03 Nov 2015, 16:47
ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އިންސާނިއްޔަތަށް މަސައްކަތް ކުރާ 14 މީހަކު އާދިއްތަ ދުވަހު ވަގަށް ނަގާފައިވާ ކަމަށް އދ.އާ ހަވާލާދީ އެ ގައުމުގެ އެކްޓިވިސްޓުން އިއްޔެ ބުނެފި އެވެ.
އިރުމަތީ ކޮންގޯ ގައި 1996ކާއި 2003ގައި ހިނގި ދެ ހަނގުރާމައިގައި އެތައް މިލިއަން މީހުން ވަނީ މަރުވެފަ އެވެ. އެ ހަނގުރާމަތަކަށް ފަހުވެސް އެ ސަރަހައްދުގައި ހަތިޔާރު އެޅި ޖަމާއަތްތަކުން ދަނީ ރަނާއި، ޓިން އަދި ޓެންޓެލަމް ހޯދުމަށް ހަމަނުޖެހުން ހިންގަމުންނެވެ.
އދ.ގެ ފަރާތުން ކޮންގޯ ގައި އިންސާނިއްޔަތަށް މަސައްކަތް ކުރާ ފަރާތްތަކުގެ ކޯޑިނޭޓަރު މަމްމަދޫ ޑިއާލޯ ވަނީ ވަގަށް ނަގާފައިވާ މީހުން ދޫކޮށްލުމަށް ގޮވާލާފަ އެވެ.
"އެ ހާދިސާއިން އެނގިގެން ދަނީ އިންސާނިއްޔަތަށް މަސައްކަތް ކުރާ ފަރާތްތަކުން މަސައްކަތް ކުރާ ހާލަތު. އެ ފަދަ ހާދިސާތަކުގަ ގެއްލުން ވަނީ އަބަދުވެސް އާއްމުންނަށް. އެމީހުން ދޫކޮށްލުމަށް އަހަރެން ގޮވާލަން،" ޑިއާލޯ ވިދާޅުވި އެވެ.
ވަގަށް ނަގާފައިވާ ފަރާތްތަކަކީ ކޮން ޖަމިއްޔާ އަކަށް މަސައްކަތް ކުރާ ފަރާތްތަކެއްތޯ އަދި އެ މައްސަލައިގައި ޒިންމާ ވަނީ ކޮން ބައެއްތޯ ޑިއާލޯ ވިދާޅުވެފައި ނުވެ އެވެ.
ކޮންގޯގެ އެކްޓިވިސްޓު ގުރޫޕެއް ކަމަށްވާ ސެންޓާ އޮފް ސްޓަޑީ ފޯ ދަ ޕުރޮމޯޝަން އޮފް ޕީސް، ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް އިން ހޯމަ ދުވަހު ބުނެފައިވާ ގޮތުގައި އެ މީހުން ވަގަށް ނަގާފައި ވަނީ ޑިމޮކްރަޓިކް ފޯސަސް ފޯ ލިބަރޭޝަން އޮފް ރުވަންޑާ (އެފްޑީއެލްއާރު) ކިޔާ އަސްކަރީ ޖަމާއަތަކުންނެވެ.
މި އަހަރުގެ ފެބްރުއަރީ ގައި ކޮންގޯގެ އަސްކަރިއްޔާއިން ވަނީ އެފްޑީއެލްއާރާއި ދެކޮޅަށް އޮޕަރޭޝަންތަކެއް ހިންގާފަ އެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން އެފްޑީއެލްއާރު އިން ދަނީ ކޮންގޯގެ އަސްކަރިއްޔާ އަށާއި އާއްމުންނަށް ހަމަލާ ދެމުންނެވެ.
އެ ތުހުމަތާ ބެހޭގޮތުން އެފްޑީއެލްއާރުން އަދި ބަހެއް ނުބުނެ އެވެ.
މައުލޫމާތު: ރޮއިޓާސް