ނޭޕާލްގެ ރާމްޗޭ އަވަށުން އިއްޔެ ގިނަ އަދަދެއްގެ މީހުންނާ އެކު ދަތުރު ކުރި ބަހެއް ފަރުބަދަ މަތީ މަގަކުން ދަތުރުކުރަމުން ދަނިކޮށް އެ ބަސް ފުރޮޅާލުމުގެ ސަބަބުން އޭގައި ދަތުރުކުރި 30 މީހަކު މަރުވެއްޖެ އެވެ.

ނޭޕާލްގެ އޮފިޝަލަކު ބުނި ގޮތުގައި ބަހުގެ ފުރާޅު މައްޗާއެކު މީހުންއަރުވައިގެން ދުއްވަމުންދިޔަ އެ ބަސް ކައްސާލުމުގެ ސަބަބުން 30 މީހަކު މަރުވުމުގެ އިތުރުން 35 މީހަކު ވަނީ ޒަހަމް ވެފައެވެ.

ބަސް ކޮންޓުރޯލުން ނެއްޓިގެން ފަރުބަދައިގެ މަގުން 150 މީޓަރު ތިރިއަށް ދިޔަ ކަމަށް ނޭޕާލް ސަރުކާރުގެ އެޑްމިނިސްޓްރޭޓަރު ޝިވް ރާމް ގެލާލް ވިދާޅުވިއެވެ.

ހާދިސާގައި އަނިޔާވި މީހުންނަށް އެހީ ވުމަށާއި މަރުވި މީހުންގެ ހަށިގަނޑުތައް ހޯދުމަށް ފުލުހުންނާއި، ސިފައިންނާއި އާއްމުން ދަނީ މަސައްކަތް ކުރަމުންނެވެ. ފުލުހުން މިހާރު ދަނީ ހާދިސާ ތަހުގީގު ކުރަމުންނެވެ.

ނޭޕާލްގައި ތެޔޮ ލިބުމަށް ދަތިވެފައި ވުމުގެ ސަބަބުން އެ ގައުމުގައި އުޅަނދުތައް ފުރާ މީހުން އަރުވައިގެން ދުއްވުން ވަނީ އާއްމުވެފަ އެވެ.

ނޭޕާލާއި އިންޑިއާއާ ދެމެދުގައި އޮންނަ ބޯޑަރު ކައިރިން ނޭޕާލުގެ ރައްޔިތުން ކުރަމުންދާ ހަޅުތާލުގެ ސަބަބުން އިންޑިއާއިން ނޭޕާލަށް ފޮނުވާ ތެލާއި އެހެނިހެން އަސާސީ ތަކެތި ފޮނުވަން ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

މައުލޫމާތު: އަލް ޖަޒީރާ

.