ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކޮށްފައިވީ ނަމަވެސް ރާއްޖޭގައި މެޗު ކުޅެވޭނެ ކަމުގެ ޔަގީންކަން ސަލާމަތީ ބާރުތަކުން ދިނުމުން ވޯލްޑްކަޕް ކޮލިފައިންގެ އޭޝިއާ ޒޯން ގުރޫޕް 'ސީ' ގައި ރާއްޖެ އާއި ހޮންކޮންގް މިއަންނަ ބުރާސްފަތި ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗު ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ފީފާއިން ނިންމައިފި އެވެ.

މެޗް ރާއްޖޭގައި ކުޅެން ފީފާ އިން އެންގިއިރު މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 30 ދުވަހަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ހޮންކޮންގްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނި ރާއްޖޭގައި މެޗް ކުޅުމާމެދު ކަންބޮޑުވުން ފާޅުކޮށް، ހޮންކޮންގްގެ މޮންކޮކް ސްޓޭޑިއަމަށް މެޗް ބަދަލު ކުރުމަށް ފީފާއަށް ހުށަހަޅައިފަ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލިލް ސަން ވިދާޅުވީ ކުއްލި ހާލަތު އިއުލާންކޮށްފައިވީ ނަމަވެސް ރާއްޖޭގައި މެޗް ކުޅެވޭނެ ކަމުގެ ޔަގީންކަން އެމްއެންޑީއެފް އިން ދީފައިވާ ކަމަށާއި އަދި އެފްއޭއެމް އިން އެމްއެންޑީއެފްއާ ހަވާލާދީ ފީފާއަށް ވެސް އެކަން އަންގާފައިވާނެ ކަމަށެވެ.

އެހެންވެ ފީފާ އިން އެގޮތަށް ނިންމުމުގައ ރިއާޔަތްކޮށްފައި ވަނީ އެމްއެންޑީއެފް އިން ދީފައިވާ ޔަގީންކަމަށް ކަމަށް ބައްސާމް ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ސަންއާ ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް އިސްމާޢީލް ޢަލީ ވިދާޅުވީ އެކަމުގައި އެފްއޭއެމް އިން ސެކިއުރިޓީ ދިނުމަށް އެދެމުންދާ މިންވަރަކުން ފުލުހުން އެކަންކަން ބަލަހައްޓަމުން ދާނެ ކަމަށެވެ.

ހޮންކޮންގް އެސޯސިއޭޝަނުން ހުށަހަޅާފައިވާ ހުށަހެޅުމާ ބެހޭ ގޮތުން ފީފާ އިން އެގައުމުގެ އެފްއޭ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރާއްޖެގައި މެޗް ކުޅެވޭނެ ކަމަށް ރާއްޖޭގެ ސަލާމަތީ ފަރާތްތަކުން އަންގާފައިވާ ކަމަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވާ ކަމަށެވެ.

ފީފާ އިން ވަނީ ފަލަސްތީނުގެ ހާލަތާ މެދު އެގައުމުގެ ސަރުކާރަށް ޔަގީންކަން ނުދެވުމުން މިއަންނަ ހޯމަ ދުވަހު ވޯލްޑްކަޕް ކޮލިފައިންގައި ފަލަސްތީނާއި ސައުދީ ޢަރަބިއްޔާ ފަލަސްތީނުގައި ކުޅެން އޮތް މެޗް ޖޯޑަންގެ ވެރިރަށް ކިންގް ހުސައިން ސްޕޯޓްސް ސިޓީ ސްޓޭޑިއަމަށް ބަދަލުކޮށްފަ އެވެ.