07 Nov 2015, 10:02
އިންޑިއާއާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ އިޚްތިޔާރެއް ނޫން ކަމަށާއި ބާރުގެ ބޭނުންކުރުމުން، ކަންކަން ރަނގަޅު ވުމުގެ ބަދަލުގައި އިތުރަށް ގޯސްވެގެންދާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، އިންޑިއާއާާއެކު ގުޅުން ރަނގަޅުކުރުމަށް ޕާކިސްތާނުން މިހާރު ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭގޮތުން ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިންއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައެވެ.
ހުކުރު ދުވަހު، ރައީސް މަމްނޫން ހުސައިންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ބޮޑުވަޒީރު ނަވާޒް ޝަރީފް ވިދާޅުވީ، އިންޑިއާއާ ދެމެދު ގުޅުން ގޯސްވެފައިވާ ހުރިހާ ބޮޑެތި މައްސަލަތަކަށް ހައްލުހޯއްދަވަން ބޭނުންފުޅުވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ، ޕާކިސްތާނުން އިންޑިއާއާ އެކު ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ތަރައްގީއަކަށްޓަކައި އަވައްޓެރި ހުރިހާ ގައުމުތަކަކާއި ދުނިޔޭގެ ހުރިހާ ގައުމުތަކާއެކު ވެސް ގާތްގުޅުމެއް ބާއްވަން ޖެހޭ ކަމަށެވެ.
އިއްޔެގެ އެ ބައްދަލުކުރެއްވުމުގައި ބޮޑުވަޒީރަށް ޚާރިޖީ ކަންކަމުގައި ލަފާދެއްވާ ޚާއްސަ މުޝީރު، ޠާރިޤް ފާތެމީއާއި ސިޔާސީ ކަންކަމުގައި ލަފާދެއްވާ ހާއްސަ މުޝީރު ޑރ. އާސިފް ކިރްމަނީވެސް ބައިވެރިވެވަޑައިގަތެވެ.
އެ ދެބޭފުޅުން (ޝަރީފް އާއި ހުސެއިން)ގެ ބައްދަލުކުރެއްވުމަށް ފަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ކުރިއެރުމަށްޓަކައި ޕާކިސްތާނުން އަވައްޓެރި ހުރިހާ ގައުމުތަކާއެކު ވެސް ގާތްގުޅުމެއް ބާއްވައިގެން މަސައްކަތްކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން އެ ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
ބޮޑުވަޒީރު ޝަރީފް އެންމެ ފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ބަރަކް އޮބާމާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި ވެސް ޕާކިސްތާނާ އިންޑިއާއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމާ މެދު މަޝްވަރާކުރެއްވި ކަމަށް ރައީސް މަމްނޫނަށް ބޮޑުވަޒީރު ދެންނެވި ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ޝަރީފް ވިދާޅުވީ، އެމެރިކާއާއި ދުނިޔޭގެ އެހެން ބާރުތަކުންވެސް އިންޑިއާ-ޕާކިސްތާނުގެ ގުޅުންބަދަހި ކުރުމާބެހޭ މަޝްވަރާތައް ފެށުމަށް ވަރަށް ބޮޑަށް ބާރުއަޅާ ކަމަށާއި އެހެން ނަމަވެސް އެ މަޝްވަރާތައް ފެށޭގޮތް ނުވެފައި ވަނީ، އިންޑިއާއިން އެކަމަށް އެއްބާރުލުން ނުލިބޭތީ ކަމަށެވެ. ސުލްހައިގެ ވާހަކަތައް ފެށުމަށް އިންޑިއާއަށް ބާރުއެޅުމަށް ޝަރީފް ވަނީ އެމެރިކާއަށް ގޮވާލައިފައެވެ.
ޗައިނާއާއެކު ޕާކިސްތާނުން ކުރިއަށް ގެންދާ، ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ ފައިދާ ޕާކިސްތާނުގެ އިތުރުން މުޅި ސަރަހައްދަށް ވެސް ކުރާނޭ ކަމަށް އެ ދެބޭފުޅުންގެ ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ހަނގުރާމަވެރި ޖަމާއަތްތަކަށް އިޝާރާތްކުރައްވައި ޝަރީފް ވިދާޅުވީ، ދީނުގެ ނަމުގައި މީސްތަކުންގެ ކަރު ބުރިކުރުމުގެ ފުރުސަތު އެއްވެސް ޖަމާއަތަކަށް ނުދެއްވާނޭ ކަމަށެވެ. ޕާކިސްތާންގައި އަބަދުވެސް އޮންނާނީ ގާނޫނީ ވެރިކަން ކަމަށާއި އެގައުމުގެ ސިޔާސީ ކަންކަމުގެ ތެރެއަށް އަތްބޭނުމުގެ ފުރުސަތު، ޓެރަރިސްޓު އެއްވެސް ޖަމާއަތަކަށް ނުދެއްވާނޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މައުލޫމާތު:އިންޑިއާޓުޑޭ