ކޮމަންވެލްތުގެ ކައުންސިލްތަކުން ރާއްޖެ ވަކިކުރުމަށް ކޮމަންވެލްތު ހިއުމަން ރައިޓްސް އިނިޝޭޓިވް(ސީއެޗްއާރްއައި) އިން ގޮވާލައިފި އެވެ.

ސީއެޗްއާރްއައި އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަންދެން ކޮމަންވެލްތުގެ ކައުންސިލްތަކުން ރާއްޖެ ވަކިކުރުމަށް ގޮވާލާ ކަމަށެވެ.

"...ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ގާނޫނު އަސާސީ ލިބިދޭ ހައްގުތައް އަނބުރައި އިއާދަކުރަންދެން ކޮމަންވެލްތުގެ ކައުންސިލްތަކުން ދިވެހިރާއްޖެ ވަކިކުރުމަށް ސީއެޗްއާރްއައި އިން ގޮވާލަމެވެ." ސީއެޗްއާރްއައިގެ ބަޔާނުގައިވެ އެވެ.

އެބަޔާނުގައި ބުނެފައި ވަނީ ރާއްޖެ އަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ މައްސަލަ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކޮށް ވެސް ހަމަޖެއްސޭނެ ކަމަށް ދެކޭ ކަމަށެވެ. އަދި އްޖޭގައި ނުރައްކާ ކުރިމަތިވެފައި ވަނީ ވަކި ހާއްސަ ދާއިރާތަކަކުން ކަމަށް ވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.

ސީއެޗްއާރްއައި އިން ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލިނުރައްކަލުގެ ހާލަތު އުވައިލުމަށް ރައްޔިތުންގެ މަޖިލީހަށް ވެސް ގޮވާލާފަ އެވެ. އަދި ރާއްޖޭގެ ހާލަތު ބަލައި، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ރައްޔިތުންނަށް ލިބި ދިނުމަށް ސަރުކާރަށް ބާރު އެޅުމަށް ޔޫއެންގެ ހައިކޮމިޝަނަރް ފޯ ހިއުމަން ރައިޓްސްއަށް ވެސް ވަނީ ގޮވާލާފަ އެވެ.