ޖެނުއަރީ މަހު އޮންނަ ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމަށް ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑް އެކުލަވާލައި އެ ޓިމްގެ ކޯޗަކަށް ރެޑްލައިން ބާސްކެޓްބޯލް ކްލަބުގެ ކޯޗު އަހުމަދު ފަޔާޒް ހަމަޖައްސައިފި އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ 6-16 އަށް އިންޑިއާގައި ބާއްވާ ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވާން ގައުމީ ބާސްކެޓް ބޯޅަ ޓީމަށް ތިން މަސް ދުވަހުގެ މުއްދަތެއް ލިބޭއިރު މިހާރު ވަނީ 32 ކުޅުންތެރިންނާއި ތިން އޮފިޝަލުންގެ ސްކޮޑެއް ނަގައި މި މަހުގެ 15 ވަނަ ދުވަހު ޕްރެކްޓިސް ފަށާގޮތައް ނިންމައިފައެވެ.

އެ ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރޭގައި އެންމެ ގިނައީ ހަރިކޭން ބާސްކެޓް ބޯލް ކުލަބް ގެ ކުޅުންތެރިންނެވެ. ހަރިކޭން އިން ނުވަ ކުޅުންތެރިން ނަގާފައިވާއިރު ޓީރެކްސް އާއި ރެޑްލައިންކުރެ ކޮންމެ ކުލަބަކުން ނަގާފައިވަނި ހަތް ކުޅުންތެރިންނެވެ. ދިވެހި ސިފައިންގެ ކުލަބުން ތިން ކުޅުންތެރިން ހިމަނާފައިވާއިރު ޔޫއެން ފްރެންޑްސްއިން ހަތަރު ކުޅުންތެރިން އަދި ސްޓްރިންގާސް އާއި ދަ ބޯއީސް ކުލަބުން ނަގާފައިވަނީ އެންމެ ކުޅުންތެރިއެކެވެ.

ޓީމްގެ އެސިސްޓެންޓް ކޯޗަކަށް ޔޫއެން ފްރެންޑްސްގެ މުހައްމަދު ވަހީދު ހަމަޖައްސާފައިވާއިރު މެނޭޖަރަކީ ޓީރެކްސްގެ އަހުމަދު އާތިފެވެ.