09 Nov 2015, 09:15
ބިޔަރު ދަޅަކާ އެކު 20 އަހަރުގެ ދެ ފިރިހެނަކު ހުޅުމާލެއިން ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ހުކުރު ދުވަހުގެ ރޭ، ފްލެޓް ނަމްބަރު 85 ކައިރިން އެވަގުތު ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ކަމަށެވެ.
ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެ ދެ މީހުން ދުއްވި ސައިކަލުގެ ކުރީ ފުރޮޅު ކާނުގަނޑު ތެރެއަށް ވެއްޓިގެން އުޅޭތަން ފެނުމާ ގުޅިގެން ފުލުހުން އެމީހުން ކައިރިއަށް ގޮސް އެމީހުންގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން އެ ދެ މީހުންނާއި އެ ދެމީހުން ދުއްވި ސައިކަލް ބަލައި ފާސްކުރި އިރު އެ ސައިކަލް މަޑިދަށުން ބިޔަރު ދަޅެއް ފެނިފައިވާ ކަމަށެވެ.
އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންގެ ތެރެއިން އެކަކީ ރިހިބިލިޓޭޝަން ފަރުވާއަށް މުޖުތަމަޢުއަށް ދޫކޮށްލާފައިވާ މީހަކަށްވާ އިރު އޭނާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އަނެއް މީހާއަކީ ޓެރަރިޒަމް މައްސަލައެއްގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ދަނީ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.