09 Nov 2015, 12:26
ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު އަވަހާރަކޮށްލަން މަސައްކަތް ކުރިކަމުގެ ތުހުމަތަށް ރާއްޖޭގައި ހައްޔަރުކޮށްފައިވާ ސްރީލަންކާގެ ސްނައިޕަރއާ ބެހޭ މައުލޫމާތު ދިވެހި ސަރުކާރުން ލަންކާ ސަރުކާރަށް ދީފިއެވެ.
ފޮރިން މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޒާހިޔާ ޒަރީރު އެގައުމުގެ ފޮރިން ސެކްރެޓަރީއާ ބައްދަލުކުރައްވައި އެމައުލޫމާތު ދެއްވައިފި ކަމަށެވެ.
އޭގެ ކުރިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޒާހިޔާ މިއަދު ސްރީލަންކާގެ ފޮރިން ސެކްރެޓަރީއާ ބައްދަލުކުރައްވާނެ ކަމަށާއި އެއީ ކުރިން ހަމަޖެހިފައިވާ ބައްދަލުވުމެއް ކަމަށެވެ.
ޒާހިޔާ ލަންކާގެ ފޮރިން ސެކްރެޓަރީއާ ބައްދަލުކުރައްވާފައި މިވަނީ ރާއްޖޭގައި ހަތިޔާރުގެ ބޭނުންކުރަން އުޅުނު ކަމުގެ ތުހުމަތަށް ލަންކާ މީހަކު ހައްޔަރުކޮށް، އެކަމާ ބެހޭ މައުލޫމާތު ދިނުން ލަސްވެގެން ލަންކާގެ ފޮރިން މިނިސްޓްރީއަށް އެކަމަނާ ހާޒިރުކުރަން އުޅޭ ކަމަށް ލަންކާ ނޫސްތަކުން ބުނެފައި ވަނިކޮށެވެ.
ލަންކާގެ ނޫސްތަކުން އިއްޔެ ބުނީ ޒާހިޔާ އެގައުމުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރަނީ އެގައުމުގައި ހުއްޓައި ހައްޔަރު ކުރި ދިވެއްސެއް ކަމަށްވާ އަޙުމަދު އަޝްރަފް ( ޝުމްބާ ގޮންގް) ހައްޔަރު ކުރުމުގައި ޑިޕްލޮމެޓިކް އުސޫލުތަކާ ހިލާފަށް ރާއްޖޭގެ ހައިކޮމިޝަނުން އަމަލުކުރި މައްސަލައާއި ލަންކާ މީހާ ހައްޔަރުކުރުމަށް ފަހު އެގައުމުގެ ސަރުކާރަށް މައުލޫމާތު ނުދިން މައްސަލައިގައި ކަމަށެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އިއްޔެ ބުނީ އަޝްރަފް ހައްޔަރުކުރުމުގައި ޑިޕްލޮމެޓިކް ޕްރޮޓޮކޯލްއާ ހިލާފުވެފައި ނުވާނެ ކަމަށެވެ.
ރާއްޖޭގެ ހައިކޮމިޝަނުން ބުނި ކަމަށް ލަންކާގެ ކޮލަމްބޯ ގެޒެޓް ނޫހުން މިއަދު ބުނީ އަޝްރަފް ހައްޔަރު ކުރީ ލަންކާގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ދިވެހި ސަރުކާރުން ރަސްމީކޮށް އެކަމަށް އެދިގެން ކަމަށެވެ. އަދި އެގޮތަށް އެދުނީ އަޝްރަފް ހައްޔަރު ކުރަން ކޯޓް އަމުރެއް ލިބުމާ ގުޅިގެން ކަމަށް ވެސް ހައިކޮމިޝަނުން ވަނީ ބުނެފަ އެވެ. އޭނާ ހައްޔަރު ކުރި އިރު ލަންކާގައި ހުރުމަށް ބޭނުންވާ ރަނގަޅު ލިޔެކިއުންތައް އަޝްރަފް އަތުގައި ނެތްކަން ފާހަގަ ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
"... ސައްހަ ލިޔެކިއުން ނެތި، ބިދޭސީއަކު އެގައުމެއްގައި ހުރުމަކަށް އެއްވެސް ގައުމަކުން ދުލެއް ނުކުރާނެ. އަޝްރަފް ހައްޔަރުކުރުމުގައި ސްރީލަންކާ ސަރުކާރުން ދެއްކި ހިތްހެޔޮކަން ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ފާހަގަ ކުރޭ. ސްރީލަންކާގެ ގާނޫނު ހިންގާ އެޖެންސީތަކާއި ރާއްޖޭގެ ގާނޫނު ހިންގާ އެޖެންސީތަކާ ދެމެދު، ދެގައުމަށް ފައިދާ ހުރި ވަރަށް ރަނގަޅު ގުޅުމެއް އޮތްކަން ހައިކޮމިޝަނުން ފާހަގަކުރަން،" ހައިކޮމިޝަނުން ބުނިކަމަށް ނޫހުގައިވެ އެވެ.
ސްރީލަންކާގެ ފުލުހުން އަޝްރަފް ހައްޔަރުކޮށް ރާއްޖެއަށް ފޮނުވައިލީ މިހިނގާ ނޮވެމްބަރުމަހުގެ ދެވަނަ ދުވަހުއެވެ.