ގާނޫނު އަސާސީންނާއި ގާނޫނުތަކުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރެއްވުން މަތީ ދެމި ތިއްބެވުމަށް ޑިފެންސް މިނިސްޓަރަށާއި ޓޫރިޒަމް މިނިސްޓަރަށް ރައްޔިތުން މަޖިލީހުގެ މެމްބަރުން އިލްތިމާސް ކުރައްވައިފި އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރަށް، ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ރުހުން ދިނުމާއި ގުޅިގެން އެ ކޮމެޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުން ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ، އެ ދެ ވަޒީރުން ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ދައުލަތަށް އިހުލާސްތެރިވުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު: ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވީ ދިވެހިރާއްޖެ މިހާރު އޮތް ހާލަތަށް ބަލާއިރު ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މުހިއްމު ދައުރެއް އެބަައޮތް ކަމަށެވެ. އެގޮތުން ރާއްޖެއާ ރާއްޖެއިން ބޭރުގައި ފަތުރުވެރިކަން ބޮއިކޮޓު ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާއިރުގައި އެކަންކަން އެހެން ވިޔަ ނުދިނުމަށް ކުރެވެން ހުރި ކަންކަން ކުރެއްވުމަށް ރިޔާޒު ވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރަށް ގޮވާލައްވާފަ އެވެ.

"އެމަސައްކަތް ރާއްޖެއާ ރާއްޖެއިން ބޭރުގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ކުރެވޭނެ ގޮތްތަކެއް ހޯއްދެވުމަކީ މުހިއްމު ކަމެއް،" ރިޔާޒު ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، މިއަދު ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ރުހުން ދެއްވާފައިވާ ދެ މިނިސްޓަރުންގެ މަސައްކަތްތައް ބައްޓަން ކުރަންޖެހޭނީ ގައުމަށް ފައިދާ ކުރުވަނިވި ގޮތަކަށް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ހެދިފައިވާ އެންމެހާ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާ ކިޔަމަންވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ: ފޮޓޯ/ މަޖިލިސް

ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ، މިއަދު ރައްޔިތުން މަޖިލީހުން ރުހުން ލިބިގެންދާ ދެ ވަޒީރުންނަށް ޕީޕީއެމް ޕީޖީ ގުރޫޕުގެ ފުރިހަމަ އިތުބާރު ލިބިގެންދާނެ ކަމަށެވެ.

ނިހާނު ވިދާޅުވީ، އެ ދެ ވަޒީރުންނަކީ ވެސް މަސައްކަތްތެރި ދެ ބޭފުޅުންނަށް ވާނެ ކަމާއި މެދު އެއްވެސް ޝައްކެއް އެޕާޓީގެ މަޖިލިސް މެމްބަރުންގެ ހިތްތަކުގައި ނެތް ކަމަށެވެ.

"އެހެންވީމަ މި ވޯޓުގައި ބައިވެރިވެވަޑައިގެން ދެއްވާ އެބޭފުޅުންނަށް {ޑިފެންސް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރު} ވޯޓު ދެއްވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް،" ނިހާނު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު: ފޮޓޯ/ މަޖިލިސް

މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާ ޑިފެންސް މިނިސްޓްރީއަކީ ރާއްޖެއަށް އެންމެ މުހިއްމު ދެ މިނިސްޓްރީ ކަމަށެވެ.

އޭނާ ވިދާޅުވީ، މިއަދު ދިވެހި ގައުމަށް ދިމާވެފައިވާ ކަންތައްތަކުން އަރައިގަތުމަށް އެ ދެ މިނިސްޓަރުންގެ އިހުލާސްތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ އެއްވެސް ވުޒާރާއެއް ހިންގުމާ ހަވާލުވެ ހުންނަވާ ބޭފުޅެއް ގެއަށް ފޮނުވާާ މަންޒަރު ބަލަން ބޭނުން ނުވާ ކަމަށާއި ވަޒީރުންނަކީ ރައީސުލްޖުމްހޫރިއްޔާ ފުރިހަމައަށް އިތުބާރު ކުރާ ބޭފުޅުންނަށް ވާންޖެހޭ ކަމަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު: ފޮޓޯ/ މަޖިލިސް

"އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް މިނިސްޓަރެއްގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށްފަހު އިތުބާރު ނެތްކަމުގެ ވޯޓު ނަގާކަށް. އަދި އެނޫންވެސް ގޮތަކަށް އެއްވެސް މިނިސްޓަރަކު ބަންދެއްގައި ހުރުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން. ހަމަގައިމުވެސް އަޅުގަނޑު އެ މިނިސްޓަރަކަށް ރުހުން ދީފައިވާ މިނިސްޓަރެއްގެ ކިބައިން ފެންނަން ބޭނުންވާ ކަމެއް ނޫން އެއީ،" ފައިސަލް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ޒަމީރާއި ޑިފެންސް މިނިސްޓަރު ޝަރީފު މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.