އެޕަލް ކުންފުނިން މިހާތަނަށް އުފެއްދި އެންމެ ބޮޑު ޓެބްލެޓް، "އައިޕެޑް ޕްރޯ" މާދަމާ މާކެޓަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އައިޕެޑް ވިއްކަން ހަމަޖެއްސި ތާރީހު އެތައްފަހަރަކު އެ ކުންފުނިން ވަނީ ލަސްކޮށްފައެވެ.

މާދަމާ އައިޕެޑް ޕްރޯ މާކެޓަށް ނެރޭއިރު ފުރަތަމަ 24 ގަޑިއިރު އެ ލިބެން ހުންނާނީ އޮންލައިންކޮށެވެ. އެއަށްފަހު މާކެޓުތަކަށް އައިޕެޑް ޕްރޯ ޝިޕް ކުރަން ފަށާނެކަމަށް އެޕަލް އިން ބުންޏެވެ.

ސެންފްރެންސިސްކޯގެ ގްރެހެމް ސިވިކް އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ހަފުލާގައި އައިޕެޑް ޕްރޯ ލޯންޗުކޮށްފައިވަނީ މީގެ ދެމަސް ކުރިންނެވެ. އައިޕެޑް ލޯންޗްކޮށްދެއްވާފައިވަނީ އެޕަލްގެ ސީއީއޯ ޓީމް ކުކްއެވެ.

ބޯ މިނުގައި 6.9 މިލިމީޓަރު ހުންނަ އެ މޮންސްޓާ އައިޕެޑްގައި ހަތަރު ސްޕީކަރު ހިމެނެއެވެ. އަދި އައިޕެޑްގައި ކީބޯޑް ޑިޒައިން ކޮށްފައިވަނީ މައިކްރޯ ސޮފްޓްގެ ސާފޭސްއާ އެއްގޮތަށެވެ. އެއީ އައިޕެޑް ސީރީޒް އަށް އަލަށް ތައާރަފު ކުރި އުފެއްދުމެކެވެ. އެއާއެކު ސާފޭސް ސީރީޒްގެ އުފެއްދުން އަސްލަަކަށް ބެލުމަށްފަހު އެޕަލް އިން ވަނީ ސްޓައިލަސް އެއްވެސް ތައާރަފުކޮށްފައެވެ.

"ޕެންސިލް" ނަމަކަށް ކިޔާ އެ ސްޓައިލަސް ބޭނުން ކުރެވޭނީ އައިޕެޑް އަށް އެކަންޏެވެ. އެ އުފެއްދުމަކީވެސް ވަކިން ގަންނަން ޖެހޭ އެއްޗެއް ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ.

އައިޕެޑް ޕްރޯ ވިއްކުމަށް ހަމަޖެހިފައިވަނީ 799 އެމެރިކާ ޑޮލަރުން ފެށިގެންނެވެ. އަދި އޭގެ އަގު 1079 ޑޮލަރާ ހަމައަށް އަރާނެ އެވެ. އައިޕެޑްގެ ފަންސުރު 99 ޑޮލަރަށް ވިއްކާއިރު ކީބޯޑް ވިއްކުމަށް ހަމަޖެހިފައިވަނީ 169 ޑޮލަރަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.