10 Nov 2015, 11:46
ސަލްމާން ހާންގެ އެންމެ ފަހުގެ ފިލްމު، "ޕްރޭމް ރަތަން ދަން ޕާޔޯ" އެޅުވުމުގެ ކުރިން އެ ފިލްމު ހަދަން ދިޔަ ހަރަދުގެ 71 ޕަސެންޓް ލިބިއްޖެ އެވެ.
މިމަހުގެ 12 ވަނަ ދުވަހުު ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ، ސޫރަޖް ބަރުޖަތިޔާ ޑައިރެކްޓް ކޮށްފައިވާ އެ ފިލްމު ހެދުމަށް ހޭދަވެފައިވަނީ 60 ކުރޯޑް އިންޑިއާ ރުޕީސް އެވެ. މިހާތަނަށް ސެޓެލައިޓާއި މިއުޒިކް ރައިޓްސް ވިއްކައިގެން އެކަނި ވެސް އެ ފިލްމަށް ވަނީ 57 ކުރޯޑް ރުޕީސް ލިބިފައެވެ.
ސަލްމާން ޚާން އާއެކު ބަތަލާއެއްގެ ރޯލުން ސޯނަމް ކަޕޫރު ފެނިގެންދާ އެ ފިލުމުގެ މިއުޒިކް ރައިޓްސް ވިއްކާލާފައިވަނީ 17 ކުރޯޑް އިންޑިއާ ރުޕީސް އަށެވެ. އެއީ ބޮލީވުޑްގެ ތާރީހުގައި ވެސް ހެދި އެންމެ ބޮޑު މިއުޒިކް އެއްބަސްވުމެވެ.
ފިލްމު "ޕްރޭމް ރަތަން ދަން ޕާޔޯ" އަކީ 16 އަހަރަށްފަހު ގާތް ދެ ރަހުމަތްތެރިން ކަމަށްވާ ސޫރަޖް ބަރުޖަތިޔާއާ ސަލްމާން އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. އަދި އެ ފިލްމު ސަލްމާން ކުޅެދީފައިވަނީ އެއްވެސް އަގަކާ ނުލައި ހިލޭ އެވެ.
ސަލްމާންއާ ސޯނަމްގެ އިތުރުން މައި ތަރިއެއްގެ ގޮތުގައި ނެއިލް ނިތިން މުކޭޝް ފެނިގެންދާ، ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބެލޭނެ އާއިލީ ފިލްމު، "ޕްރޭމް ރަތަން ދަން ޕާޔޯ" އަކީ ރާޖްޝަރީ ޕްރޮޑަކްޝަން އަދި ފޮސް ސްޓާ ސްޓޫޑިއޯސްގެ ދިވާލީ ބްލޮކްބަސްޓާ ރިލީޒެކެވެ.