10 Nov 2015, 11:57
އެއްއިރެއްގައި ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ރީތި ޖަވާހިރު ކަމަށްވާ " ކޮހިނޫރު " ހޯދުމަށް އިންޑިއާގެ ވިޔަފާރިވެރިއަކާއި ބޮލީވުޑްގެ ތަރިއެއް ގުޅިގެން އިނގިރޭސި ރާނީ އެލިޒަބަތު 2 އާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފި އެވެ.
ކޮހިނޫރު ޖަވާހިރަކީ އިންޑިއާގެ އެއްޗެކެވެ. އޮގަސްޓް 1849 ވަނަ އަހަރު އިންޑިއާގެ ސިކުންގެ ލީޑަރު ޑުލީޕް ސިންގް ރާނީއަށް އެ ޖަވާހިރު ހަދިޔާކުރީކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާގޮތުން އޭރު ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި އިންޑިއާގައި ތިބި އިގިރޭސިން އެ ކޮހިނޫރު ގެންދިޔައީ ކަމަށްވެސް ވަނީ ވާހަކަތައް ފެތުރިފަ އެވެ.
ކޮހިނޫރު ހޯދުމަށް އިންޑިއާގެ ފަރާތުން ދައުވާ ކުރަނީ " މައުންޓަން އޮފް ލައިޓް" ގެ ނަމުގައި ހަދާފައިވާ ގުރޫޕަކުންނެވެ. އެ ގުރޫޕުގައި ހިމެނޭ ބޮލީވުޑްގެ ތަރިއެއް ކަމަށްވާ ހުމިކާ ސިންގް ބުނެފައި ވަނީ ކޮހިނޫރަކީ ހަމައެކަނި 105 ކެރެޓްގެ ޖަވާހިރެއް ނޫން ކަމަށާއި އެއީ އިންޑިއާގެ ތާރީހާ ސަގާފަތާ ގުޅިފައިވާ އެއްޗެއް ކަމަށެވެ. އެހެންކަމުން އެއްވެސް ޝައްކަކާއި ނުލައި ކޮހިނޫރު އަނބުރާ އިންޑިއާއަށް ދޭން ޖެހޭނެ ކަމަށް ހުމިކާ ވަނީ ބުނެފަ އެވެ.

ކޮހިނޫރު: އިންޑިއާގެ އެއްޗެއް ކަމަށް ބުނެ ކްއީންއާ ދެކޮޅަށް އެ ގައުމުން ދައުވާކުރުމަށް ވަނީ ނިންމާފައި --
މައުންޓަން އޮފް ލައިޓްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައި ވަނީ އެމީހުން ރާނީ އެލިޒަބަތާ ދެކޮޅަށް ދައުވާ ކުރަނީ ދައުލަތުގެ ޖަވާހިރެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އެމައްސަލައިގައި އެމީހުން ބައިނަލްއަގްވާމީ ކޯޓުތަކަށް ދާން ޖެހުނަސް ދާނެކަމަށް ވަނީ ބުނެފަ އެވެ.
އިންޑިއާއިން މީގެ ކުރިންވެސް ވަނީ ކޮހިނޫރު ގެންގޮސްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންކަމުން އެ އަނބުރާ ދިނުމަށް އެދިފަ އެވެ. އަދި އިންޑިއާގެ އަހަރީ ދުވަސް ފާހަގަކުރުމަށް 1997 ވަނަ އަހަރު ރާނީ އެލިޒަބަތު 2، ކުރެއްވި ޒިޔާރަތުގައި އިންޑިއާގެ ގިނަ ފަރާތްތަކަކުން ވަނީ ކޮހިނޫރު އަނބުރާ ދިނުމަށް އެދިފަ އެވެ.
އޭގެ ފަހުން އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރޫން 2013 ފެބުރުއަރީގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ ކޮހިނޫރު ދޭން ބުނެ އިންޑިއާއިން އެދުމަކީވެސް ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށެެވެ.