ގައުމުގެ ދުޝަމަނުންނަށް ގައުމީ ސަފަށް ވަނުމަށް ޖާގަ ދެވިއްޖެ ނަަމަ ފެނިގެންދާނީ ވިސްނައި ފިކުރު ކޮށްލަންވެސް އުނދަަގޫވާ ފަދަ ހިތްދަތި މަންޒަރުތަކެއް ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލާޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހާ ގުޅިގެން އެމްޑީއޭގެ ލީޑަރު ދެއްވި ހިޠާބެއްގައި ވިދާޅުވެފައިވަނީ، ފަނާ ކުރަނިވި ވިސްނުމުގެ ތެރެއިން އެފަދަ މީހުންނަށް ގައުމީ ސަފުން ޖާގަ ދެވިއްޖިއްޔާ ލިބޭނެ ގެއްލުމަށް ގައުމުގެ ކޮންމެ ދަރިއަކުވެސް ވިސްނަން ޖެހޭނެ ކަމަށެވެ.

ގައުމުގެ ސިޔާދަތާއި ކަރާމާތްތެރިކަމަށް ހުރުމަތްތެރި ނުވެވޭ އެއްވެސް ފަރާތަކަށް ގައުމުގެ އިމުން އެތެރެވިޔަ ދީގެން ނުވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ. މިހާރު ގައުމުން ފެނިގެން މިދާ ހިތާމަވެރި މަންޒަރުތަކަކީ އެފަދަ ފަރާތްތަކަށް ގައުމުގެ އިމުން އެތެރެވުމުގެ ޖާގަ ދެވުމުން ފެންނަ މަންޒަރުތައް ކަމަށް ސިޔާމް ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަހުގެ އުފާ ލިބިގެންދާ މިފަދަ ދަނޑިވަޅެއްގައި ދެނެގަންނަން ޖެހޭ އެންމެ ބޮޑު ކަމަކީ އެއްވެސް ފަރުދެއް އަދި ޖަމާއަތެއް ނަމަވެސް ގައުމުގެ ސިޔާދަތައް ވުރެ ބޮޑުވެގެން ނުވާނެކަން ކަމުގައި ސިޔާމް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ގައުމުދެކެ ލޯބިވާ އެއްވެސް ދިވެހި ދަރިއަކު ގައުމުގެ ސިނާއަތެއް ނެތިކޮށްލުމަށް އެއްވެސް ހާލަތެއްގައި އެދިގެން ނުވާނެކަމަށެވެ.

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ މަތިވެރި ރޫހާ އެއްގޮތަށް ގާނޫނީ ސަރުކާރު ނަގަހައްޓައި ދެމެހެއްޓުން މަތީ ކޮންމެ ދިވެހި ދަރިއަކު ފަސްނުޖެހުމަށް ސިޔާމް އިލްތިމާސްކުރެއްވި އެވެ.