12 Nov 2015, 09:59
އިނގިރޭސި ޕްރިމިއާލީގްގައި ޗެލްސީއާއި ވެސްޓް ހޭމް ޔުނައިޓެޑް ކުޅުނު މެޗްގައި ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން އެފްއޭ އިން އެ ދެ ޓީމް ޖޫރިމަނާކޮށްފި އެވެ.
އެފްއޭ އިން ޗެލްސީ އާއި ވެސްޓް ހޭމް އަށް އަދަބު ދިނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ޗެލްސީ އަތުން 2-1 އިން ވެސްޓް ހޭމް މޮޅުވި މެޗުގައި ހިނގައި ދިޔަ ހަމަނުޖެހުމާ ގުޅިގެންނެވެ. އެ މެޗުގައި ޗެލްސީގެ ނެމަންޏާ މަޓިޗް އަށް ރަތްކާޑު ދައްކައި ކޯޗު ހޯސޭ މޮރީނިއޯ ބެންޗުން ފޮނުވާލި އިރު ފަސް ކުޅުންތެރިއަކަށް ރީނދޫ ކާޑު ވަނީ ދައްކައިފަ އެވެ.
ވެސްޓް ހޭމް 40،000 ޕައުންޑުން ޖޫރިމަނާކުރި އިރު ޗެލްސީ ޖޫރިމަނާކުރީ 50،000 ޕައުންޑުންނެވެ. މީގެ އިތުރުން ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރުނުކުރުމަށް ދެ ޓީމަށް ވެސް ވަނީ އިންޒާރުދީފަ އެވެ.
އެ މެޗުގައި ވެސްޓް ހޭމްގެ ޑިއަފްރާ ސަކޯ އަށް މަޓިޗް ކުރި ފައުލާ ގުޅިގެން ވެސްޓް ހޭމްގެ ކުޅުންތެރިން ވަނީ ރެފްރީ ޖޮނަތަން މޮސް ވަށާލައިގެން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެެވެ. އަދި މަޓިޗް އަށް ރަތްކާޑު ދެއްކުމުން ޗެލްސީ ކުޅުންތެރިން ވެސް ރެފްރީއަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
މޮރީނިއޯ ބެންޗުން ފޮނުވާލީ ހާފު ގަޑީގައި ރެފްރީޒް ރޫމަށް ގޮސް ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ. އެކަމާ ގުޅިގެން އޭނާ 40،000 ޕައުންޑުން ޖޫރިމަނާކޮށް ސްޓޭޑިއަމް އަށް ނުވަދެވޭ ގޮތަށް އެއް މެޗަށް ސަސްޕެންޑްކުރި އެވެ. އަދި އެންމެ ފަހުން ޗެލްސީ ސްޓޯކް ސިޓީއަތުން 0-1 ގެ ނަތީޖާއަކުން ބަލިވި މެޗްގައި މޮރީނިއޯ އިންނަށް ޖެހުނީ ޓީވީ އިން މެޗް ބަލަންށެވެ.
އެ ބައްޔާ އެކު ޗެލްސީ ވަނީ ލީގުގެ 16 ވަނަ އަށް ވެއްޓިފަ އެވެ. ލީގުގައި ޗެލްސީ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި މި މަހު 21 ވަނަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ނޯވިޗް ސިޓީއާ އެވެ.