އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު، އަދި ނާއިބަކަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ހަމަޖައްސައިފި އެވެ.

ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ނިހާން މުގައްރިރަކަށް ހަމަޖައްސާފައި ވަނީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ 23 މެމްބަރުންގެ ތެރެއިން 18 މެމްބަރުންގެ ވޯޓާ އެކު އެވެ. އެ ކޮމިޓީގެ ނައިބަކަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ހޮވާފައި ވަނީ ކޮމިޓީގެ މެމްބަރުގެ ތެރެއިން 17 މެމްބަރުގެ ވޯޓާ އެކު އެވެ.

މެމްބަރުންގެ ނަން ހުށަހަޅާފައި ވަނީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ. އެ ހުށަހެޅުމަށް ތާއީދުކޮށްފައި ވަނީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 27.457 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ފައިސާގެ ތެރެއިން 59 ފަސެންޓަކީ ރިކަރަންޓް ހަރަދު ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވަނީ ވިދާޅުވެފަ އެވެ.

މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓުން ހަރަދުވާނެކަމަށް ލަފާކުރެވެނީ 21.3 ބިލިއަން ރުފިޔާ އެވެ. އާމްދަނީގެ ގޮތުގައި 21.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް އެންމެ ފަހުގެ އަންދާޒާ ދަށްކާ ގޮތުން މި އަހަރު ނިމޭ އިރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް މިހާރު ލަފާ ކުރެވެނީ 17.7 ބިލިއަން ރުފިޔާ އެވެ. ބަޖެޓުގެ ޑެފެސިޓް 1.3 ބިލިއަން ރުފިޔާ ކަމަށް ބެލެވުނު ނަމަވެސް މިހާރު އަންދާޒާ ކުރެވެނީ 3.6 ބިލިއަން ރުފިޔާ އަށް ބަޖެޓް ޑެފެސީތް އަރާނެ ކަމަށެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 6.9 ޕަސެންޓް އެވެ.

މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 15.2 ބިލިއަން ރުފިޔާ ލިބިފައިވާ އިރު 16.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެއަހަރު ބަޖެޓް ޑެފެސިޓަކީ 1.4 ބިލިއަން ރުފިޔާ އެވެ.