ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އާއި އާޖެންޓީނާ ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ދަނޑުގައި ފެން ބޮޑުވުމުގެ ސަބަބުން ފަސްކުރި މެޗު ރޭ ކުޅެފައި ވަނީ އާޖެންޓީނާގަ އެވެ. މެޗުގައި މޮޅަށް ކުޅުނީ ވެސް އާޖެންޓީނާ އެވެ.

އަނިޔާގެ ސަބަބުން އާޖެންޓީނާގެ މުހިންމު ތިން ފޯވަޑުން ކަމަށްވާ ކެޕްޓަން ލަޔޮނަލް މެސީ އާއި ސާޖިއޯ އަގުއެރޯ އަދި ކާލޮސް ޓެވޭޒް ނެތި ކުޅުނު އެ މެޗުގެ 34 ވަނަ މިނިޓްގައި ގޮންޒާލޯ ހިގްއިން ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސް ކޮށްލި ރީތި ބޯޅައެއް ގޯލްގެ ތެރެއަށް ވައްދާލައިގެން ލަވޭޒީ ވަނީ އާޖެންޓީނާގެ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މެޗުގައި ބްރެޒިލަށް ނަތީޖާ ހަމަހަމަކޮށްދިނީ 58 ވަނަ މިނިޓްގައި އެ ޓީމުގެ ކޯސްޓާ ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ މަތީ ދަނޑީގައިޖެހި ނިކުތުމުން ލޫކަސް ލިމާ އެއްފަހަރުން ޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ޑޭވިޑް ލުއިޒް އާޖެންޓީނާގެ ބިގްލިއާ އަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ރަތް ކާޑު ދައްކަނީ --- ފޮޓޯ:އޭޕީ

މެޗު ނިމެން ހަތަރު މިނިޓަށްވީ ފަހުން ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އާޖެންޓީނާގެ ބިގްލިއާ އަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ދެ ވަނަ ރީނދޫކާޑާއެކު އަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. އެގޮތުން އަންނަ ބުދަ ދުވަހު ވޯލްޑްކަޕް ކޮލިފައިންގައި ޕެރޫއާ ދެކޮޅަށް ކުޅޭ މެޗުގައި ލުއިޒް އަކަށް ނުކުޅެވޭނެއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި މި ދެ ޓީމު ވެސް ތިން މެޗު މިހާތަނަށް ކުޅެފައިވާއިރު، އާޖެންޓީނާއަށް އަދި މޮޅެއް ހޯދިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މި ނަތީޖާއާއެކު ބްރެޒިލް އޮތީ ދެކުނު އެމެރިކާ ކޮލިފައިން ގްރޫޕުގެ ފަސް ވަނާގަ އެވެ. އާޖެންޓީނާ އޮތީ އަށް ވަނާގަ އެވެ. ބްރެޒިލަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އާޖެންޓީނާ އަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ. އެއް ވަނާގައި ވަނީ ނުވަ ޕޮއިންޓާއެކު އިކުއެޑޯ އެވެ. ހަތް ޕޮއިންޓާއެކު ދެ ވަނާގައި ވަނީ ޗިލީ އެވެ.