ރޭ ކުޅުނު ބައިނަލްގްވާމީ އެކުވެރިކަމުގެ މެޗްތަކުގެ ތެރެއިން ފްރާންސް އާއި ސްޕެއިން މޮޅުވި އިރު ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ އެވެ.

އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ފްރާންސް ރޭ މޮޅުވީ، އަމިއްލަ ދަނޑުގައި ޖާމަނީއާ ބައްދަލުކުރި މެޗުން 0-2ގެ ނަތީޖާއަކުންނެވެ. ސްޕެއިން އާއި އިންގްލޭންޑް ބައްދަލުކުރި މެޗު، 0-2 ގެ ނަތީޖާއިން ސްޕެއިންއިން ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމްއިން ރޭ އިޓަލީގެ މައްޗަށް ކުރި ހޯދީ 1-3 ގެ ނަތީޖާއިންނެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ފްރާންސްގެ އޮލިވާ ޖިރޯ އާއި އަދި މެޗު ނިމެން ކައިރިވެފައިވަނިކޮށް އަންދްރޭ-ޕިއެރޭ ޖިޖްނެކްގެ ގޯލާ އެކު ފްރާންސް ވަނީ ޖާމަނީގެ މައްޗައް ކުރި ހޯދާފައެވެ.

ސްޕއިން އަތުން އިންގްލެންޑް ބަލިވި މެޗްގައި އިންގްލެންޑްގެ ސްޓާލިން ބޯޅާ ހިފައިގެން --- ފޮޓޯ:އޭޕީ

ސްޕެއިން އާއި އިންގަލެންޑް މެޗުގެ ފުރަތަމަ ގޯލް ސްޕެއިން ކާމިޔާބުކުރީ، މެޗުގެ 72 ވަނަ މިނެޓްގައެވެ. ފެބްރިގާސް ދިން ޕާހަކުން މި ގޯލް ކާމިޔާބުކުރީ، ޕެރޭޒް މާޓިނޭޒްއެވެ. އަދި މެޗުގެ 84 ވަނަ މިނެޓްގައި، ސެންޓި ކަޒޯލާ ވަނީ އެ ޓީމުގެ ދެ ވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ.

ބެލްޖިއަމް އާއި އިޓަލީ ކުޅުނުމެޗްގައި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ އިޓަލީންނެވެ. މި ގޯލް މެޗުގެ ތިންވަނަ މިނެޓްގައި އިޓަލީއަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ކަންދްރޭވާއެވެ. ނަމަވެސް މެޗުގެ 14 ވަނަ މިނެޓްގައި ބެލްޖިއަމްގެ ވެޓޮނެގެން ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

ބެލްޖިއަމް އަތުން އިޓަލީ ބަލިވި މެޗްގައި އިޓަލީގެ އެލްޝާރވޭ ބެލްޖިއަމްގެ ގޯލަށް ބޯޅަ ފޮނުވާލަނީ --- ފޮޓޯ:އޭޕީ

މި މެޗުގައި ފުރަތަމަ ފަހަރަށް ބެލްޖިއަމްއަށް ލީޑުނަގައިދިން ގޯލް މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ކެވިން ޑެ ބްރޫންއެވެ. ބެލްޖިއަމްއިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ 82 ވަނަ މިނެޓްގައި، ބަޓްޝުއާއީ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

އެކުވެރިކަމުގެ މެޗެއްގައި ރޭ، މިފަހަރު ޔޫރޯއަށް ކޮލިފައި ނުވި ހޮލެންޑުން ވަނީ ވޭލްސްގެ މައްޗަށް 2-3 ގެ ނަތީޖާއިން ކުރި ހޯދައިފައެވެ.