ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ބަޖެޓް އަންނަ އަހަރު 10.7 ޕަސެންޓް ބޮޑު ކުރަން ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ރައީސްގެ ރަސްމީ ގެކޮޅަށް އަންނަ އަހަރު ހަރަދު ކުރުމަށް ހިމަނާފައި ވަނީ 23 މިލިއަން ރުފިޔާ އެވެ. މި އަހަރު މުލިއާގެއަށް ހަރަދު ކުރަމުންދަނީ 20.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންކަމުން މި އަހަރުގެ ބަޖެޓާ އަޅާބަލާ އިރު، މުލިއާގެ ބަޖެޓް އަންނަ އަހަރު 10.7 ޕަސެންޓަށް ބޮޑުވާނެ އެވެ.

ރައީސް ޔާމީންގެ ރަސްމީ ގެކޮޅު، މުލިއާގެއަކީ އެމަނިކުފާނުގެ ރަސްމީ ބައްދަލުވުންތަކާއި ރަސްމީ މަސައްކަތްޕުޅުތައް ކުރައްވާ ގެކޮޅެވެ. ނަމަވެސް އެމަނިކުފާނު ދިރިއުޅުއްވަނީ އަމިއްލަ ގެކޮޅު، ގ. ދޫވެހީގަ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު މުލިއާގެއަށް ހަރަދުކޮށްފައި ވަނީ 17.7 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރު މުލިއާގެއަށް ހަރަދުކޮށްފައި ވަނީ 20.8 މިލިއަން ރުފިޔާ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ރައީސް ޔާމީން މީޑީއާއާ ބައްދަލު ކުރައްވައި ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރެއްވުމަށް ޓަކައި ދިރިއުޅުއްވަނީ އަމިއްލަ ގެކޮޅުގައި ކަމަށާއި ނަންގަވާނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށެވެ.