15 Nov 2015, 22:45
ގާނޫނީ ވަކީލު އަލީ ޝާހު އާއި ގާނޫނީ ވަކީލު އަލީ އިބްރާހީމް ސަސްޕެންޑުކޮށްފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ ކުރި އިއުލާނެއްގައި ވަނީ ކޯޓުތަކުގައި ވަކާލާތު ނުކުރެވޭގޮތަށް އެ ދެބޭފުޅުން ސަސްޕެންޓު ކޮށްފައި ވަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ވަކިގޮތަކަށް ނިމެންދެން ކަމަށެވެ.
ފުލުހުން ތަހުގީގު ކުރަމުން އަންނަނީ ކޮން މައްސަލައެއް ކަމެއް އެ އިއުލާނުގައި ބުނެފައެއް ނުވެއެވެ.
އަލީ ޝާހު މިރޭ ސަން އަށް ވިދާޅުވީ ތުހުމަތެއް ކުރެވިއްޖެނަމަ އެ ތުހުމަތެއް ބަލަންޖެހޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އޭނާއާ މެދު އެއްވެސް ތުހުމަތެއް އޮތް ކަމަށް އެނގިވަޑައިގެންފައިނުވާ ކަމަށް ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ހުރިހާ މައްސަލަތަކެއްގައި މިހާތަނަށް އޭނާ އަމަލުކޮށްފައި ވަނީ ފުލުހުން އެންގިގޮތަށް ކަމަށެވެ. އަދި ކުށެއް ނުކުރާ ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށް އެބައޮތް ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.
"100 ޕަސެންޓު ޔަގީންކަމާ އެކު އަޅުގަނޑު މިދަންނަވަނީ ރާއްޖޭގައި ހެދިފައި އޮތް އެއްވެސް ގާނޫނަކާ އެއްވެސް ގަވާއިދަކާއި އެއްވެސް އުސޫލަކާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. އެ ޔަގީންކަން އަމިއްލަ ނަފްސަށް އޮވޭ،" ޝާހު ވިދާޅުވިއެވެ.
އަލީ އިބްރާހީމް ވިދާޅުވީ އޭނާއާ ބެހޭގޮތުން އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށެވެ. އަދި ސްޕެންޑުކުރީ ކީއްވެގެން ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ނޭނގެ އަޅުގަނޑާ ބެހޭގޮތުން އެއްވެސް މައްސަލައެއް ބަލަމުން އަންނަ ކަމެއް. މިއަދުވެސް އަޅުގަނޑުމެން ފުލުހުންނާ އެކު އުޅުނިން. އަޅުގަނޑަކަށް ނޭނގުނު. ވަރަށް ފްރެންޑްލީކޮށް އުޅުނީވެސް،" އަލީ އިބްރާހީމް ވިދާޅުވި އެވެ.
އެ ދެ ބޭފުޅުންގެ އަލީ ޝާހު އަކީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވަމުން އަންނަ ވަކީލެކެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން އެ މައްސަލަތަކުގެ ޝަރީއަތް ހުއްޓުމަކަށް އަންނާނެ ކަމަށެވެ.
އަލީ އިބްރާހީމަކީ ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރެއްވި ބޭފުޅެކެވެ.