16 Nov 2015, 10:10
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މާލީ ދާއިރާގެ ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް އިންސްޓިޓިއުޝަނަލް އިންވެސްޓްމެންޓް ސެމިނާ މިއަދު ފަށައިފި އެވެ.
އެ ސެމިނާ އަކީ ރާއްޖޭގެ މާލީ މާލީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި އެ ދާއިރާއާ ގުޅުންހުރި އެހެނިހެން ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ދެ ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެކެވެ. އެ ސެމިނާ ކުރިއަށްދަނީ މިއަދު އަދި މާދަމާ ހޮޓެލް ޖެންގަ އެވެ.
މޯލްޑިވްސް އިންސްޓިޓިއުޝަނަލް އިންވެސްޓްމެންޓް ސެމިނާ ފެށުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ޗެއާޕާސަން އާތިފާ އަލީ ވިދާޅުވީ، މިފަހަރުގެ ސެމިނާ ބާއްވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް އެސެޓް މެނޭޖްމަންޓް ކުންފުނިކަމުގައިވާ އިނގިރޭސި ވިލާތުގެ ޝްރޯޑާޒް ކުންފުންނާއި އެމެރިކާގެ ރިޓަޔާމަންޓް އަދި އިންވެސްޓްމަންޓް ކޮންސަލްޓިން ކުންފުންޏެއް ކަމުގައިވާ މާސާ އާއި ޕެންޝަން އޮފީސް ގުޅިގެން ކަމަށެވެ.
ޕެންޝަން އޮފީހުން ބުނީ މިއަދު ފެށި ސެމިނާ ހާއްސަކުރެވިފައި ވަނީ ބޮޑެތި މަޝްރޫތަކަށް ފައިސާ ހޯދުމާއި އިންވެސްޓްމަންޓް ވެހިކަލްތަކުގެ ގޮތުގައި އިންވެސްޓްމަންޓް ފަންޑުތައް ގާއިމްކުރާނެ ގޮތްތަކާއި އެފަދަ ފަންޑުތަކުގެ ފައިސާ އިންވެސްޓްކުރުމުގައި ބަލަންޖެހޭ ކަންތައްތައް ކަމަށެވެ.
މިއަދު ފެށި ސެމިނާގެ ދެވަނަ ދުވަސް ހާއްސަކޮށްފައި ވަނީ މާލީ ދާއިރާގެ ޓެކްނިކަލް މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން "ޔީލްޑް ކާވް މޮޑެލް" ބޭނުން ކުރާނެ ގޮތްތައް ދަސްކޮށްދިނުމަށެވެ. ޔީލްޑް ކާވަކީ އެކި މުއްދަތުގެ ދަރަނީގެ އިންޓްރަސްޓް ރޭޓް ދައްކައިދޭ ޗާޓެކެވެ.
މިއަހަރުގެ ސެމިނާގައި ރާއްޖޭގެ ހުރިހާ ބޭންކްތަކާއި އޮޑިޓްކުރާ ކުންފުނިތަކާއި ފަންޑުތަކާއި އަދި ސަރުކާރުގެ އެކި އޮފީސްތަކުން 80 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ އެވެ.