އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 27.457 ބިލިއަން ރުފިޔާގެ ބަޖެޓަކީ ހިޔާލީ ފޮލާއެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ޕަބްލިސް ސެކްޓާ އިންވެސްޓުމަންޓު ޕުރޮގުރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މިއަދު ހެނދުނު އޮތް ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ އެއްވެސް ދައުލަތަކުން ހުށަހަޅާ ބަޖެޓަކީ ހިޔާލީ ފެންޓަސީއެއް ނޫން ކަމަށެވެ. އަދި ބަޖެޓަކީ ވަރަށް ގިނަ ބޭފުޅުންގެ ބުރަ މަސައްކަތެއް ކަމަށާއި އަންނަ އަހަރުގެ ބަޖެޓަކީ ހިޔާލީ ފޮލާއެއް ނުވަތަ ފެންޓަސީއެއް ކަމަށް މެމްބަރުންނަށް ސިފަ ކުރެއްވޭ ކަމަށް ވަނީ ނަމަ އެކަމާ ހިތާމަކުރައްވާ ކަމަށް ޖިހާދު ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ދެރަވެއްޖެ ހިޔާލީ ފެންޓަސީއެކޭ ވިދާޅުވީތީ. އެއްގޮތަކަށް ވެސް ހީފުޅު ނުކުރައްވާތި އަޅުގަނޑުމެން ބަޖެޓު މި ގެންނަނީ ހިޔާލީ ފެންޓަސީއެއްގެ މައްޗަށް ބޭސްކޮށްފައެއް ނޫން. އަޅުގަނޑުމެން ވަރަށް ގިނަ އެއްޗެހިން ވަރަށް ގިނަ މައުލޫމާތުތައް ހޯދާ އެތައް ދުވަހަކު މަސައްކަތްކޮށްގެން މިކަން މި ކުރީ. ވަރަށް ގިނަ މީހުންގެ އިންޕުޓު މީގައި {ބަޖެޓު} އޮންނާނެ،" ޖިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ހިޔާލީ ފޮލާއެއް ކަމަށް ދެކިވަޑައިގަންނަވާ މެމްބަރުން އެހެން ވިދާޅުވުމުން އެކަމަކީ ބަޖެޓު ހެދުމުގެ މަސައްކަތުގައި އުޅުއްވި މުވައްޒަފުންނަށް ބުނެވޭ އިހާނެތި ބަހެއް ކަމަށެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވީ ކިތަންމެ ބޮޑު ބަޖެޓެއް ދައުލަތުން ހުށަހެޅި ކަމުގައި ވިއަސް އެކަން ބިނާވެގެން ދަނީ ގައުމުގެ އިގްތިސާދުގެ މައްޗަށް ކަމަށެވެ. އަދި ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް ދައުލަތުން ބޭނުންވާ ވަރަށް އާމްދަނީ ނުލިބި ހިނގާ ދާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.

"އެކަމަކީ އަޅުގަނޑުމެންގެ ކޮންޓުރޯލް އޮންނަ ކަމެއް ނޫން. އެގޮތަށް އެކަން ދިމާވެއްޖެނަމަ އަޅުގަނޑުމެން ކުރަން މިޖެހޭ ކަމަކީ ބަޖެޓު ކުޑަކުރުން. އެހެންވީމަ މިދެންނެވި ދެ ކަމުގެ ސަބަބުން ވެސް އާމްދަނީ ލިބުން ދަތިވާނެ. އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް. އެވަރަށް އާމްދަނީ ނުލިބޭ ކަމަށްވާނަމަ އަޅުގަނޑުމެން ޖެހޭނީ ބައެއް ޕުރޮޖެކްޓުތައް ހުއްޓާލަން. އަދި ބައެއް ހަރަދުތައް ކުޑަކުރަން ޖެހޭނީ. އެއީ އަޅުގަނޑުމެން ބަޖެޓުގެ މައްސަލައެއް ނޫން. އަދި ބަޖެޓު ހެދުމުގެ މައްސަލައެއް ވެސް ނޫން އެއީ،" ޖިހާދު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓަކީ ހިޔާލީ ފޮލާއެއް ނުވަތަ ފެންޓަސީ ބަޖެޓެއް ކަމަށް ވިދާޅުވީ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލެވެ. އޭނާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ "ރިއަލިސްޓިކު" ބަޖެޓެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ އަންނަ އަހަރު ދައުލަތުން އާމްދަނީ ހޯދާނެ ގޮތްތައް ކަމަށް ބަޖެޓުގައި ބުނެފައިވާ ކަންކަމަކީ ކުރެވިގެންދާނެ ކަންތައްތަކެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.