މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ބަންޑާރަ ނައިބު ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގަވާއިދެއް މިހާރު އެކުލަވާލާފައި އޮތްނަމަވެސް، އެފަދަ ގާނޫނެއް ވުޖޫދަށް ގެންނަންޖެހޭ މުހިންމު ކަމަކީ އެ ގަވާއިދަށް ވުރެ ފުޅާކޮށް ކަމާ ބެހޭ އުސޫލުތައް ބަޔާން ކުރުން ކަމަށެވެ.

ބަންޑާރަ ނައިބު ވިދާޅުވީ އެ ބިލަކީ ހަމައެކަނި "ގަސްދުގައި މީހަކު މަރާލުމުގެ ކުށުގައި އިއްވާ މަރުގެ ހުކުމް" ތަންފީޒު ކުރުމާ ގުޅޭ އުސޫލުތައް ކަނޑައަޅާ ބިލެއް ކަމަށެވެ.

ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ އިއްވާ މަރުގެ ހުކުމް ތަންފީޒު ކުރުމާ އުސޫލެއް އެ ބިލްގައި ކަނޑައެޅުމަށް އަދި ނިންމާފައިނުވާ ކަމަށް ވެސް އަނިލް ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ގަވާއިދުގައި ހިމެނިފައި އޮންނާނީ ހަމައެކަނި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޚާއްސަކޮށްފައި ހުރި ކަންތައްތަކެއް ކަމަށާއި ކަމާބެހޭ ހުރިހާ މުއައްސަސާތަކުގެ ދައުރު އެކަމުގެ ތެރޭގައި އަންނާނެ ގޮތަކަށް އުސޫލު ކަނޑައަޅަންޖެހޭ ކަމަށެވެ.

ކުށްވެރިޔާ މަރުގެ ހުކުމް އިސްތިއުނާފުނުކުރިޔަސް އޮޓަމެޓިކުން އެ ހުކުމް އިސްތިއުނާފު ކުރެވޭނެ އުސޫލެއް ވެސް އެބިލްގައި ކަނޑައެޅިގެންދާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އޭރުގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވެސް ވަނީ އެފަދަ ބިލެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރިއަށްގެންދަވައިފައިފައެވެ. ނަމަވެސް ރައީސް ވަހީދުގެ ދައުރު ހަމަވިއިރު އެ މަސައްކަތް އެއްކޮށް ނިންމާލެވިފައެއް ނުވެއެވެ.

ރާއްޖޭގެ ކޯޓުތަކުން މިހާތަނަށް ގިނަ ބަޔަކަށް މަރުގެ ހުކުމް އިއްވާފައި އެބަތިއްބެވެ. އެހެންނަމަވެސް އޭގެތެރެއިން ގިނަ މައްސަލަތަކުގައި ހައިކޯޓު މަރުހަލާ އަދި ނުނިމެއެވެ.