ރާއްޖޭން ވަކި ގައުމަކަށް އިސްކަން ނުދޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓަރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވީ، ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވާ އަދި ރާއްޖެއަށް އިހުތިރާމްކުރާ ހުރިހާ ގައުމަކާ އެކުގައި ވެސް ރާއްޖޭން ގުޅުން ބަދަހި ކުރަމުން ދާނެ ކަމަށެވެ. ނަމަވެސް މަޝްރޫއުތަކަށް ފައިސާ ހޯދުމުގައި ޗައިނާއާއި މަޝްވަރާ ކުރަނީ އެގައުމަކީ އެކަހަލަ ކަންތައްތަކުގައި ތަނަވަސްކަން ހުރި ގައުމަކަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"... ދެން ޒަމާނުއްސުރެ ގާތްގުޅުން އޮންނަ ދެގައުމެއް އިންޑިއާއަކީ ވެސް އަދި ޗައިނާއަކީ ވެސް. ދެން އެއަށް ވުރެ އިތުރުން އެނގިވަޑައިގަންނަވާނެ ރައީސް ޔާމީނުގެ ހާރިޖީ ސިޔާސަތުގެ ވަރަށް މުހިއްމު ބައެއް އެއީ އިގުތިސާދީ ފުދުންތެރިކަން ނުވަތަ އަޅުގަނޑުމެންގެ އިގުތިސާދު އިތުރަށް ހަރުދަނާ ކޮށް އަދި ބޮޑެތި ބިޔަ މަޝްރޫއުތަކެއް ގެންނަވައިގެން ރާއްޖޭގެ ކުރިއެރުން ނުވަތަ ތަރައްގީ އިތުރަށް އަވަސް ސްޕީޑެއްގައި ގެންދެވުން،" މިނިސްޓަރު ވިދާޅުވިއެވެ.

" ރާއްޖޭން ޗައިނާއަށް އިސްކަން ދޭތޯ" ކުރި ސުވާލަށް މިނިސްޓަރު ދުންޔާ ދެއްވި މި ޖަވާބަށް ފަހު ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު ވިދާޅުވީ، ޚާރިޖީ ސިޔާސަތު އޮންނަނީ ރާއްޖޭގެ އެކިއެކި މަޝްރޫއުތައް އެގައުމަކުން ފެށިގެން އަންނަ ގައުމަކަށް އިސްކަންދޭ ގޮތަކަށް ނޫން ކަމަށެވެ.

ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. ސަން ފޮޓޯ: ފަޔާޒް މޫސާ

"... ފައިނޭންސް ހޯދާނީ ފައިނޭންސް ލިބެން ހުންނަ ދިމަދިމާލުން. ފޮރިން ޕޮލިސީގެ ތެރޭން ފައިނޭންސް ހޯދިގެން ދަނީ. އެކަމަކު ފައިނޭންސް ނުލިބޭ ގައުމުތަކަކީ އެއީ އެއްގޮތަކަށް ވެސް ރާއްޖޭން އަހައްމިއްޔަތު ދޭ ގައުމުތަކެއް ނޫނެކޭ ނުބުނެވޭނެ އެއްވެސް ހާލެއްގައި،" ޑރ. ޢަލީ ނަސީރުވިދާޅުވިއެވެ.

މިދިޔަ 40 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ބޭރުގެ އެހީގައި ހިންގިފައި ހުރި މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއު ހިންގިފައި ހުންނާނީ ޖަޕާންގެ އެހީގައި ކަމަށާއި އެހެން ނަމަވެސް ވަކި ގައުމަކަށް އިސްކަން ދިނުމުގެ ސުވާލު އެކަމާ ގުޅިގެން ނޫފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީނުވެސް ހާރިޖީ ސިޔާސަތުގެ އަމާޒުތައް ހާސިލުކުރެއްވުމަށް ވަކި ގައުމަކަށް އިސްކަން ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅު ނުވާ ކަމަށް ވެސް ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.

"... އަޅުގަނޑުމެން ކެރެކްޓަރައިޒްއެއް ނުކުރާނަން، ސަރުކާރަކުން ކެރެކްޓަރައިޒްއެއް ނުކުރޭ އެއީ ވަކި ގައުމަކަށް އިސްކަންދީގެ އަނެއް ގައުމަކަށް ދޭ އިސްކަން ކުޑަކޮށްފައޭ ހާރިޖީ ސިޔާސަތު ހިންގަނީ،" އޭނާ ވިދާޅުވިއެވެ.